ބަޖެޓުން ކުރަން އޮތް އެންމެ މުހިއްމު ކަމަކީ ރައްޔިތުންނަށް ބޭނުންވާ ކާބޯ ތަކެއްޗާއި، ތެލާއި ބޭސް ކުރިއަށް ޖަމާކޮށްފައި ބެހެއްޓުން ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ މިހެން ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވާނެ ކަމަށް ވިދާޅުވެ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން ހަމައެކަނި ރާއްޖެއަށް ޗައިނާ އިން އަންނަ ފަތުރުވެރިން މަދުވުމުން އެކަނިވެސް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ރާއްޖެއަށް ނުވަންނާނެ ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ގެއްލޭ ވިޔަފާރީގެ ޓެކްސްގެ ގޮތުގައި ރާއްޖޭގެ ސަރުކާރަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ 150 މިލިއަން ޑޮލަރު ސަރުކާރަށް ނުލިބޭނެކަން މޫސް ފާހަގަ ކުރެއްވިއެވެ.
ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން ފިޔަވައި އެހެން ހުރިހާ ހަރަކާތެއް ހުއްޓާލަން އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އަންގާފަ އެވެ.