ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން އަމަލުކުރައްވަން ޖެހޭ އުސޫލުތަކުގެ މައުލޫމާތު އެ ބޭފުޅުންނަށް މިއަދު ދެއްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ކެބިނެޓްގެ ވަޒީރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހުގެ މުހިންމު ބައެއް އުސޫލުތަކާއި ލަފާ ހޯއްދަވަންޖެހޭ ކަންތައްތަކުގެ އިތުރުން ސުލޫކީ މިންގަނޑުތަކާ ބެހޭ ގޮތުން ވަޒީރުންނަށް ވަނީ މައުލޫމާތު ދެއްވާފައިވެއެވެ.
އޭގެ އިތުރުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލު ކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އަދި އެކަންކަން ހާސިލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވީހާވެސް އަވަހަށް ފެށްޓެވުމާއި އެ މަސައްކަތްތައް ނިންމަން ޖެހޭ ތާރީހަށް އެކަންތައް ނިންމުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.