އަލީ ޔާމިން
ޖަރުމަނުވިލާތާއި، ޗެކް ރިޕަބްލިކަށް ޝެންގެން ވިސާ ދޫކުރާ ސެންޓަރެއް މާލޭގައި ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުވުމަށް މާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މިނިސްޓަރު ޝާހިދުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ސަރުކާރުގެ އިސް ފަރާތްތަކުގެ އިތުރުން ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ވިސާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، މިއަދު މާލޭގައި ގާއިމުކުރި ވިސާ އޮފީހުން ޔޫރަޕުގެ ގައުމުތަކަށް މާލޭގައި ތިބެގެން ވިސާ ނެގޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށެވެ.
"މިއަދު ރާއްޖޭގައި މި އިފްތިތާހު ކުރެވޭ ވިސާ ސެންޓަރަކީ ޔޫރަޕުގެ ގައުމުތަކަށް މާލޭގައި ތިބެގެން ވިސާ ނަގައިގެން ދިޔުމުގެ ފުރުސަަތު ދިވެހި ރައްޔިތުންނަށް ފަހިވެގެންދާ އޮފީހެއް. މި މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދާއި ލަފާގެ މަތިން ފާއިތުވި އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތުގެ ނަތީޖާ" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ، މި ސަރުކާރުން ގެނެސްފައިވާ އިސްލާހީ ބަދަލުތައް ޔޫރަޕުގެ އިއްތިހާދު(އީޔޫ) އިން ބަލައިގެންފައިވާ ކަމަށެވެ. އަދި އަމާޒަކީ ދިވެހި ޕާސްޕޯޓް ހިފައިގެން ޔޫރަޕުގެ ގައުމުތަކަށް ދިއުމުން އޮން އެރައިވަލް ވިސާ ޖެހޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ.