އިބްރާހިމް ޒަކީ
ރާއްޖޭގެ އެކި ކަންކޮޅުގައި ލާދީނިއްޔަތު ފަތުރަން ބަޔަކު ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވުމަށް، ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން އުޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފުރުސަތެއް ނުދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރުންނާ ސުވާލު ކުރަން އޮތް ވަގުތު ނިމުމުން، މަޖިލިސް ރައީސް ވިދާޅުވީ، ނޮޅިވަރަމު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެއް އެބައޮތް ކަމަށެވެ.
އަދި އެ މެންބަރު ކުއްލި މައްސަލަ ހުށަހެޅުއްވުމަށް މަޖިލިސް ރައީސް ފުރުސަތު ދެއްވަން އުޅުއްވުމަށްފަހު، މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނެންގެވި ނިޒާމީ މައްސަލައަކަށް ފުރުސަތު ދެއްވިއެވެ.
ނެންގެވި ނިޒާމީ މައްސަލައިގަ އަލީ އާޒިމް ވިދާޅުވީ، މެންބަރު ނަޝީދު ހުށަހަޅުއްވަން، އުޅުއްވާ ކުއްލި މައްސަލަ ފެނިވަޑައިގެންފި ކަމަށާއި، އެއީ މަޖިލީހުގެ ގަވާއިދުގެ ދަށުން ހުށަހެޅޭނެ މައްސަލައެއްނޫން ކަމަށެވެ.
"މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މި ކުއްލި މައްސަލަ ހުށަހަލެޅޭނެ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނުނު، މަޖިލީހުގެ ގަވާއިދުގެ، 170 ވަނަ މާއްދާގައި ކަނޑައެޅިގެން އެބަ އޮވޭ، (ށ) ގައި ލިޔެފަ މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ކުއްލި މައްސަލަ އަކީ ރައްޔިތުންގެ، ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއްގެ ސަމާލުކަން ސަރުކާރަށް ގެނައުމަށްޓަކައި ހުށަހެޅޭ މައްސަލައެކޭ،" އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވާހައާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ކުއްލި މައްސަލަ ހުށަހެޅުމުގަ އިބައްލަވަނީ، އެ މައްސަލައެއް އައުމުން، މެންބަރަކު އިއުތިރާޒް ނުކުރާނަމަ، އެ މައްސަލައެއް ކުރިއަށް ގެންދާ ގޮތަަށް ކަމަށެވެ. ނަމަވެސް މި ކުއްލި މައްސަލަ ހުށަހެޅުމާމެދު މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިލް އިންކާރު ކުރައްވާތީ، މަޖިލީހުގެ އަމީން އާއްމާއި ކައުންސެލް ޖެނެރަލްގެ ލަފާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހިސާބުން ނިޒާމީ މައްސަލަ ނަންގަވައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ، އެ ކުއްލި މައްސަލައަކީ މަޖިލީހަށް ބަލައި ގަންނަންޖެހޭ މައްސަލައެއް ކަމަށެވެ. އަދި މަޖިލިސް ގަވާއިދުގެ 170 ވަނަ މާއްދާގެ (ހ) އާއި (ށ)ގެ ދަށުންވެސް އެ މައްސަލަ ބަަލައިގަންނަންޖެހޭ ކަމަށް ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވީ، އެ މައްސަލައަކީ ރާއްޖޭގެ އެކި ކަނކޮޅު ތަކުގައި ލާދީނިއްޔަތު ފަތުރަން ބަޔަކު މަސައްކަތް ކުރަމުންދާއިރު، އެކަމާ ދެކޮޅަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީވެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި މި ކުއްލި މައްސަލަ މަޖިލީހުގެ ގަވާއިދަށް ފެތޭ ކަމަށެވެ.
"ގަވާއިދުގެ 170 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ރައްޔިތުން، ނުވަތަ ގައުމުގެ މަސްލަހަތު ހިމެނިގެންވާ މުހިއްމު ކަމެއް ކުއްލި މައްސަލައެއްގެ ގޮތުގައި ޖަލްސާއަކަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެންބަރަކަށް ވެސް ލިބިގެންވެއޭ، (ށ) ގައި ބުނަނީ މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ކުއްލި މައްސަލައަކީ ރައްޔިތުންގެ، ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑުކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، ސަރުކާރުން އެކަމާމެދު އަޅާފައިވާ، ނުވަތަ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑު ކިއުމުގެގޮތުން، އެހެންވީމަ ވަަރަށް ރަނގަޅަށް ކުއްލުި މައްސަލައެއްގެ ގޮތުގައި ގަބޫލުކުރަންޖެހޭ ،" ޝިޔާމް ވިދާޅުވިއެވެ.
ނޮޅިވަރަން ދާއިރާގެ މެންބަރު ހުށަހެޅުއްވީ ކޮން މައްސަލައެއްްކަން އެނގުނީވެސް، ޝިޔާމު އެކަން ހާމަ ކުރެއްވުމުންނެވެ.
ނަމަވެސް އޭގެފަހުން މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ އަމީންއާއްމާއި، ކައުންސެލް ޖެނެރަލްގެ ލަފާ ހޯއްދަވައިފިން ކަމަށާއި، އެ ކުއްލި މައްސަލައަކީ ހުށަހެޅޭނެ މައްސަލައެއްނޫން ކަމަށް އެބޭފުޅުންވެސް ލަފާ ދެއްވާފައިވާ ކަމަށެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފުރުސަތު ނުދިން އިރު، އިސްލާމްދީނާ ދެކޮޅު ޝުއޫރުތައް ހިމެނޭ ބައްދަލުވްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ބަޔަކު ކުރިއަށް ގެންދާކަމުގެ ކަންބޮޑުވުންތަކެއް ވަނީ ފެތުރިފައެވެ.