ޚަބަރު

ސަރަނގު ޝަމީމާ އަވަހާރަވެއްޖެ

އަހުމަދު ޖައިޝަން

މަޝްހޫރު ފެތުންތެރިޔާ މއ. ފެހިއަލިއާގޭ ޝަމީމާ ކަނބުލޭގެފާނު (ސަރަނގު ޝަމީމާ) މިއަދު ހެނދުނު އަވަހާރަ ވެއްޖެ އެވެ.

ޝަމީމާ މިއަދު އަވަހާރަ ވިއިރު އޭނާއަކީ ރާއްޖޭގެ އިޖުތިމާއީ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލެކެވެ. އޭނާގެ މަސައްކަތްތަައް އަގުވަޒަން ކުރެއްވުމުގެ ގޮތުން މިއަހަރު ވަނީ އޭނާއަށް އިޖުތިމާއީ ދާއިރާއިން ގައުމީ އިނާމުވެސް ދީފައެވެ.

އާއިލާއިން ބުނި ގޮތުގައި އޭނާ ނިޔާވިކަން އެނގިފައިވަނީ މިއަދު ހޭފުޅު ނުލައްވައިގެން ބެލުމުންނެވެ.

އާންމުންގެ ތެރޭގައި ފެހުމުގެ ދާއިރާއިން ޝަމީމާ މަޝްހޫރުވެފައި ވާއިރު އެ މަސައްކަތް އޭނާ ދަސްކުރެއްވީ ރަދުން މުހައްމަދު ފަރީދުގެ ގަމީސްކޮޅު ވެސް ފެއްސެވި މަރްހޫމް ބޮޑުދާހިއްލާ ދޮންމަނިކުގެ އަރިހުންނެވެ.

އޭނާ ވަނީ ފެހުމުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް އާންމުންނަށް ކޮށްދެއްވާފައެވެ. އެގޮތުން "ސަރަނގު ޖަރީ"ގެ ނަމުގައި ކްލާހެއް ފައްޓަވައި ގިނަ ބަޔަކަށް އޭނާ ވަނީ މާ ޖަހަން ދަސްކޮށްދެއްވާފައެވެ.

އޭގެ އިތުރުން ޖަރީކުރުމުގެ ގިނަ ކޯސްތަކެއްވެސް އޭނާ ވަނީ ހިންގާފައެވެ.