އިބްރާހިމް ޒަކީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި "ބެޔަސް ނުބެޔަސް" 10000 ރުފިޔާ ދޭން، މަސްވެރިންނަށް ތައާރަފުކުރި، ފައިސާ ދީފައިވަނީ އެންމެ ދޯންޏަކަށް ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
"ބެޔަސް ނުބެޔަސް" ގެ ނަމުގައި ކޮންމެ މަސްވެރިޔަކަށް 10000 ރުފިޔާ ދިނުމަކީ 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށް ޓަކައި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ.
އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޑރ. މުހައްމަދު ޝައިނީ އޭރު ވިދާޅުވީ ބެޔަސް ނުބެޔަސް 1000 ރުފިޔާ ދޭން ނިންމާފައިވަނީ ސަރުކާރުން ތައާރަފު ކުރާ އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން ކަމަށެވެ.
ނަމަވެސް މިހާރު ހުންނެވި ފިޝަރީޒް މިނިސްޓަރާ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ބެހޭގޮތުން މެންބަރަކު ކުރެއްްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ބެޔަސް ނުބެޔަސް، 10000 ރުފިޔާ ދީފައިވަނީ އެންމެ އުޅަނދަކަށް ކަމަށެވެ. އަދި އެ ކަމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެހެންވެ އެކަން މި ސަރުކާރުން ތަންފީޒު ނުކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ އެ ޖަވާބާ ގުޅިގެން ބެޔަސް ނުބެޔަސްގެ 10000 ރުފިޔާ ދީފައިވަނީ ކޮން ދޯންޏަކަށްތޯ މެންބަރަކު ސުވާލު ކުރެއްވިއެވެ. އަދި އެއީ ކާކުގެ ކޮން ދޯންޏެއްތޯ ހިތަށް އަރާވަޑައިގަންނަވާ ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވިއެވެ.
ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ ކޮން ދޯންޏެއްކަން މަޖިލީހަށް ވަޑައިގެންނެވިއިރު އޮޅުން ފިލުއްވާފައި ނުވާ ކަމަށާއި، ނަމަވެސް މެންބަރުން ބޭނުންނަމަ އެއީ ކޮން ދޯންޏެއްތޯ ބެއްލެވުމަށްފަހު އެ މައުލުމާތު ދެއްވާނެ ކަމަށެވެ.
އަދި އެއީ ށ. އަތޮޅަށް ނިސްބަތްވާ އުޅަނދެއްް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.