ޚަބަރު

ބޯހިޔާވަހިކަމެއް ބޭނުންވެގެން އުޅޭ މީހަކަށް ޝަރުތެއް ބޭނުމެއް ނުވޭ: ރައީސް ނަޝީދު

1

އެއްވެސް މީހަކު ޝަރުތު ހަމަނުވާ ކަމަށް ދައްކަން ބޭނުން ނުވާ ކަމަށާއި ބޯހިޔާވަހިކަމެއް ބޭނުންވެގެން އުޅޭ މީހަކަށް ޝަރުތެއް ބޭނުމެއް ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރާއި މާލޭގެ އެހެން ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ރޭ އަހުމަދިއްޔާ ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި މާލޭގެ ރައްޔިތުން ވަނީ ގިނަ ޝުކުވާތަކެއް ހިއްސާކޮށްފައެވެ. އެގޮތުން މާލޭ މީހުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ހުރި މިންވަރު ހިއްސާކުރިއެވެ. އަދި އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވެސް ބައްދަލުވުމުގައި ބައިވެރިވި މީހުން ވަނީ އެދިފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމުގެ މަސައްކަތް ހުއްޓައިނުލައްވާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި އަބަދުވެސް އެ މަޝްވަރާތައް ކުރައްވާ ކަމަށެވެ. އަދި އެކަމަށް ތަސައްވަރެއް އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މަންޒަރެއް ނެތިއެއް ނޫން މިތިބެނީކީ. ހަދާނެ ގޮތެއް ވެސް ނެތް ކަމަށް ދެކިގެންނެއް ވެސް ނޫން އަޅުގަނޑުމެން މިތިބެނީކީ. އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި މިކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ކުރުން އަޅުގަނޑުމެންގެ އަމާޒަކީ. ބޭނުމެއް ނޫން އެއްވެސް ބޭފުޅެއް ދޫކޮށްލާކަށް. އަދި ބޭނުމެއް ނޫން އެއްވެސް ބޭފުޅަކަށް ޝަރުތު ހަމަނުވާ ކަމަށް ދައްކާކަށް ވެސް. ގޯއްޗެއް، ބޯހިޔާވަހިކަމެއް ބޭނުންވެގެން އުޅޭ މީހަކަށް ޝަރުތެއް ބޭނުމެއް ނުވޭ. އެއީ ވާން ޖެހޭ ކަމެއް. މިކަންކަން ކުރުމަށް މާލެއަށް ހައްލުތައް ގެނައުމަށް ކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ކޮންމެ ދުވަހަކުވެސް، ކޮންމެ ރެޔަކުވެސް މަސައްކަތްކުރަމުން އަންނަ ކަމަށާއި ވެރިކަން ހޯދަނީ ވެސް އެ މަސައްކަތްކުރަން ކަމަށެވެ. އަދި އެ މަސައްކަތަކީ ނުނިމި އޮތް މަސައްކަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ވެސް އެނގޭ، އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ މި މާލޭގެ ހާލަތު މިގޮތަށް ދޫކޮށްލާފައި ދެން ނުބޭއްވޭނެކަން ގިނަ ދުވަސްތަކަކަށް. މިތަން ހަމަނުޖެހުމުގެ ތެރެއަށް ބޮޑުކޮށް ދާނެކަން އެބަ އެނގޭ. ގައުމުތަކުގެ ހަޔާތުން މާ ސާފުކޮށް މި މަންޒަރު ފެނޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމެއް ނެތި މައްސަލަތައް އެގޮތުގައި ބޭއްވީމަ ގައުމަތަކަށް ވެގެންދާ ގޮތްތައް އެނގިވަޑައިގަންނަވާ ކަމަށާއި އެހެން އެކަން ދޫކޮށްލައިގެން ތިބެން ބޭނުން ނުވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟