ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ޖަމިއްޔާ ނުވަތަ މާލެ ޓެނަންޓްސް ޔުނިއަން (އެމްޓީޔޫ) އިން އިސްނަގައިގެން ތައްޔާރުކުރި އެ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް އެ ޕެޓިޝަން ހުށަހެޅީ 800 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު ކަމަށް އެމްޓީޔޫ އިން ބުނެއެވެ.
މަޖިލީހަށް ހުށަހެޅުމަށްޓަކައި އެ ޕެޓިޝަން ސްޕޮންސާ ކޮށްދެއްވީ ކުލި ކޮންޓްރޯލް ކުރަން ތާއީދުކުރައްވައި ވާހަކަދައްކަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހަށް ބިލެއް ނުވަތަ ގަރާރެއް ނުވަތަ ޕެޓިޝަނެއް ވެސް ހުށަހެޅޭނީ މަޖިލީހުގެ މެންބަރަކު މެދުވެރިކޮށެވެ. މި ގޮތުން ސަރުކާރުންނާއި ޖަމިއްޔާ ޖަމާއަތްތަކުން އަދި ވަކިވަކި ފަރުދުން ވެސް މަޖިލީހަށް ޕެޓިޝަން ހުށަހަޅާނަމަ މެންބަރަކު އެ ޕެޓިޝަނެއް ސްޕޮންސާ ކުރަންޖެހެއެވެ.
އެމްޓީޔޫން ބުނީ، މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ކުލީގެ މައްސަލައަކީ މަޖިލީހުންނާއި ސަރުކާރުން ވަގުތުން ވަގުތަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ސީރިއަސް މައްސަލައެއް ކަމަށާއި މިހާރުވެސް ގިނަބަޔަކަށް ލިބޭ އާމްދަނީއާއި ނުބައްދަލު އަދަދެއް ކުއްޔަށް ހޭދަކުރަމުންދާކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.
ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅިއިރު ސަރުކާރުން ކުއްޔާ ބެހޭ ބިލެއް ވެސް ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. އެ ބިލުގައި، ރަޖިސްޓްރީ ކުރުމެއް ނެތި މާލޭގައި ދިރިއުޅެން ތަންތަން ކުއްޔަށް ދިނުން މަނާ ކޮށްފައިވީ ނަމަވެސް ދިރިއުޅެން ދޫކުރާ ތަންތަނުގެ ކުލި ވަކި އަގުތަކެއްގައި ކޮންޓްރޯލް ކުރަން ހިމަނާފައެއް ނުވެއެވެ.