ޚަބަރު

ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭ ޕްރޮޖެކްޓުތަކަށް ޕީޕީއެމްގެ ކައުންސިލަރުން ހުރަހެއް ނާޅާނެ: ޝިޔާމު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭ ޕްރޮޖެކްޓުތަކަށް ހުރަސްއަޅާނެ ބަޔަކަށް ނުވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ޝިޔާމު ވިދާޅުވީ، ދިވެހި ދައުލަތަކީ އެއްބައިވަންތަ ދައުވަތެއް ކަމަށް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބުނެފައިވީ ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ފެނިގެންދިޔައީ ކައުންސިލުތައް ވަކި ސަރުކާރުތަކެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރެއްވި މަންޒަރު ކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ކައުންސިލްތަކަކީ ވަކި ސަރުކާރުތަކެއްގެ ގޮތުގައި ހިންގުމަށް އެމްޑީޕީން ވަރަށް ގިނަ މަސައްކަތްކެއްކޮށް ގައުމުގެ އެއްބައިވަންތަ ނަގާލި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރެއިން ރައީސް ޔާމީން ރަށްތަކަށް ގެންނަވަން މަސައްކަތް ކުރެއްވި ތަރައްގީގެ މަސައްކަތްތައް ހުރަސްއެޅުމަށް އޭރުގެ ކައުންސިލްތައް މެދުވެރިކޮށް މަސައްކަތް ކުރަމުންދިޔަ ކަމަށާއި ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭ ޕްރޮޖެކްޓުތަކަށް ހުރަސްއަޅާ ބަޔަކަށް ޕީޕީއެމްގެ ކެންޑިޑޭޓުން ނުވާނެ ކަމަށާއި އެއީ ޕީޕީއެމް އާއި ރައީސް ޔާމީންގެ ވެސް ސިޔާސަތު ކަމަށް ޝިޔާމު ވިދާޅުވިއެވެ.

"މިޕާޓީއަކީ ރައްޔިތުން މާޔޫސްކުރުވާނެ ޕާޓީއެއް ނޫން. މިޕާޓީއަކީ މި ނާގިބް ސަރުކާރު ޒިންމާދާރުކުރުވާ ޖަވާބުދާރީ ކުރުވާނެ ޕާޓީ. ޕިޕީއެމްގެ ކެންޑިޑޭޓުންނަކީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ހިދުމަތް ކުރައްވާނެ ކެންޑިޑޭޓުން. ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭ ޕްރޮޖެކްޓުތަކަކަށް ހުރަސްއަޅާ ބަޔަކަށް ނުވާނެ،" ޝިޔާމު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އެއްޗެއްކޭ ބުނާ ބުނުން ދޮގުކޮށް އޭނާ އިތުރަށް ވިދާޅުވީ، އެ ނިޒާމުގެ ވާހަކަ ދައްކަވަން ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަމަށެވެ.

އޭގެ ފަހުން އިސްލާހު ކުރެވުނު ގާނޫނުއަސާސީގައި ލާމަރުކަޒީ ނިޒާމަށް ހާއްސަ ބާބެއް ހިމަނައި، އެ ބާބު ފައްކާކުރެވި އެ ބާބުގެ ދަށުން ލާމަރުކަޒީ އުސޫލުން ދާއިރާތައް ހިންގުމުގެ ގާނޫނެއް ވުޖޫދުވީ ވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނޫން ކަމަށް ޝިޔާމު ވިދާޅުވިއެވެ.