ޚަބަރު

ދެ އިންތިހާބުގެ ގުރުނެގުން ބުދަ ދުވަހު

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ގުރުނެގުން އަންނަ ބުދަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ތަން އިއުލާނުކޮށްފައެވެ.

އަތޮޅުތަކާއި ފުވައްމުލަކު ސިޓީ އާއި ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގެ ގުރުނެގުން ބާއްވަން ހަމަޖައްސާފައިވަނީ ކައުންސިލް އިދާރާ ނުވަތަ ކައުންސިލް އިދާރާ އިން ކަނޑައަޅާ ތަނެއްގައެވެ. އަތޮޅުތަކުގެ ގުރުނެގުން ބޭއްވުމަށް ހަމަޖައްސާފައިވަނީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

ފުވައްމުލަކު ސިޓީގެ ގުރުނެގުން ބޭއްވުމަށް ހަމަޖައްސާފައިވަނީ ބުދަ ދުވަހުގެ ހެނދުނު 10:30 ގައެވެ. ކުޅުދުއްފުށި ސިޓީގެ ގުރުނެގުން ބުދަ ދުވަހުގެ މެންދުރުފަހު 2:30 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ އިރު، އައްޑޫ ސިޓީގެ ގުރުނެގުން ބޭއްވުމަށް ހަމަޖައްސާފައިވަނީ އެދުވަހުގެ ހަވީރު 4:30 ގައެވެ.

މާލެ ސިޓީގެ ގުރުނެގުން ބޭއްވުމަށް ހަމަޖައްސާފައިވަނީ އިންތިހާބާ ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން)ގެ ޓްރެއިނިން ހޯލުގައެވެ. އެ ގުރުނެގުން ކުރިއަށްދާނީ ބުދަ ދުވަހުގެ ރޭ 9:00 ގައެވެ.

އީސީން ނެރުނު އިއުލާނުގައި ބުނެފައިވަނީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތު ނަގާ ތަނަށް ވަޑައިގަތުމަށް އެދޭ ކަމަށާއި ކެންޑިޑޭޓަށް ހާޒިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން އެދޭ ކަމަށެވެ.