ޚަބަރު

ސީއެސްސީގެ ރައީސާއި ނައިބު ރައީސް ހިމެނޭ ގޮތަށް ހަތަރު މެންބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމާ އެކު އެ ކޮމިޝަންގެ ހަތަރު މެންބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ސީއެސްސީގެ ރައީސް ޑރ. ޝަމީމުގެ އިތުރުން އެ ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ އިބްރާހިމް ޝަހީގު އަދި ޒަކަރިއްޔާ މުހައްމަދު ވަކިކުރަން ކޮމިޓީން ފާސްކުރީ އެބޭފުޅުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް މިރޭ ބޭއްވި ކޮމިޓީގެ ބައްދަލުމަށް ހާޒިރުވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ.

އެގޮތަށް ނިންމަން ކޮމިޓީގައި ނެގި ވޯޓަށްފަހު ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ކޮމިޓީގައި ތިއްބަވާ 14 މެންބަރުންގެ ތެރެއިން ފަސް މެންބަރަކު މިރޭގެ ކޮމިޓީގައި ބައިވެރިވެވަޑައި ނުގެންނެވުނީ އެ މެންބަރުން މިވަގުތު މާލޭގައި ނެތުމުން ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި އެބޭފުޅުންގެ ރައުޔު ކޮމިޓީއާ ހިއްސާ ކުރައްވާފައިވާ ކަމަށާއި އެއީ ސީއެސްސީގެ ހަތަރު މެންބަރުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވާ ގޮތަށް ތާއީދު ކުރުން ކަމަށެވެ.

މިރޭގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ރޮޒައިނާގެ އިތުރުން ކޮމިޓީގެ ނައިބު މުގައްރިރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލު އަހުމަދު ނަސީމާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފާއި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމެވެ.

ސީއެސްސީގެ ރައީސް އާއި ނައިބު ރައީސް އަދި ދެ މެންބަރުން ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ކެބިނެޓްގެ 13 ވަޒީރުން ހާޒިރުކޮށް ކުރެއްވި މަޝްވަރާތަކަށްފަހުއެވެ.

އެގޮތުން އެ މަޝްވަރާތަކުގައި ބައެއް ވަޒީރުން ވަނީ ސިވިލް ސާވަންޓުންނަށް ވަޒީފާ ދީ ވަޒީފާއިން ވަކިކުރުމުގައި އުސޫލާއި ހިލާފު ކަންތައްތަކެއް ކޮށްފައިވާ ކަމާއި ސީއެސްސީގެ އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ.