ޚަބަރު

"ފައުންޑޭޝަން ފޮ އަ ސްމޯކް ފްރީ ވޯލްޑް"އިން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވުމަށް އިލްތިމާސްކޮށްފި

އަހުމަދު އައުފް އަބްދުލް ސަމަދު

ފައުންޑޭޝަން ފޮ އަ ސްމޯކް ފްރީ ވޯލްޑް އިން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ދިރާސާތައް ކުރުމުގެ ނަމުގައާއި ސީ.އެސް.އާރު ހަރަކާތްތަކުގެ ނަމުގައާއި ދުންފަތް ކޮންޓްރޯލް ކުރުމުގެ ނަމުގައި ބައެއް ހަރަކާތްތައް ހިންގައި އަދި ހިންގުމަށް އެ ފައުންޑޭޝަނުން ރާވަމުންދާ ކަމުގެ މައުލޫމާތު އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ. އެ ފައުންޑޭޝަނުން މި ހަރަކާތްތައް ހިންގަނީ ރާއްޖޭގެ އަމިއްލަ ބައެއް ފަރާތްތަކާއި، ކުންފުނިތަކާއި އަދި ސަރަހައްދީ ބައެއް ޖަމާއަތްތަކާ ގުޅިގެން ކަމަށާއި "ފައުންޑޭޝަން ފޯރ އަ ސްމޯކް ފްރީ ވޯރލްޑް" އަކީ ދުންފަތުގެ ސިނާއަތުގެ މާލީ އެހީތެރިކަމާއި އެކު ހަރަކާތްތައް ހިންގަމުން އަންނަ ފައުންޑޭޝަނެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހިތްވަރު ލިބޭ ފަދަ ހަރަކާތްތައް ބޭއްވުމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ "ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ" އާއި ހިލާފު ކަމެކެވެ. ހެލްތު މިނިސްޓްރީން ބުނީ ރާއްޖެއަކީ މި މުއާހަދާގެ މެންބަރު ގައުމަކަށް ވާތީ މިފަދަ އެއްވެސް ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ރައްޔިތުން ބައިވެރިވެ އެއްބާރުލުން ނުދިނުމަށް އެދޭ ކަމަށެވެ.

އަދި އެ ފައުންޑޭޝަނުން ހިންގާ ހަރަކާތް ތަކަކީ، ސަރުކާރުން އެކަމާ ނުހަނު ކަންބޮޑުވާ އަދި ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތާ މަސްލަހަތު ފުށު އަރާ ކަމެއް ކަމުގައި ހެލްތު މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން މި ޖަމިއްޔާއިން ނުވަތަ ޖަމިއްޔާ އާއި ގުޅިގެން މިފަދަ އެއްވެސް ހަރަކާތެއް ހިނގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ ލަސްނުކޮށް ރިޕޯޓު ކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިފައެވެ.

ދުންފަތަކީ، ކޮންމެ ގޮތަކަށް ތައްޔާރުކޮށް ކޮންމެ ގޮތަކަށް އަދި ކޮންމެ މިންވަރަކަށް ބޭނުން ކުރި ނަމަވެސް އާއްމު ސިއްހަތު ރައްކާތެރި ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށާއި އެއީ ބޮޑެތި ބަލިތަކަށް މަގުފަހި ކުރުވާ އެއްޗެއް ކަން ހެލްތު މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ދުންފަތުގެ އެއް ބާވަތް އަނެއް ބާވަތަށް ވުރެ ރައްކާތެރިކަމަށް ނުވަތަ ގެއްލުން ކުޑަކަމަށް ދެއްކުމަށް ދުންފަތުގެ ސިނާއަތުން ކުރާ މަސައްކަތަކީ ސައިންޓިފިކް ގޮތުން ސާބިތު ނުހިފޭ އަދި ދުންފަތުގެ ހަގީގަތް އޮޅުވާލުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ. ދުންފަތުގެ ސިނާއަތުގެ މަގުސަދުތަކާއި ހަރަކާތްތަކަކީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މަގްސަދުތަކާ މަސްލަހަތު ފުށު އަރާ ކަމެއް ކަމަށް އދ ގެ އާއްމު މަޖިލީހުން ވެސް ވަނީ ކަނޑައަޅާފައިއެވެ.