ޚަބަރު

ހުއްދަ ނުހޯދައި ޕޯސްޓަރު ހަރުކުރާނަމަ ޖޫރިމަނާ ކުރާނެ: ސިޓީ ކައުންސިލް

އައިދާ އަބްދުލް ހަކީމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުއްދަ ނުހޯދައި ޕޯސްޓަރު ހަރުކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު "ވަން" އަށް ވިދާޅުވީ މި ގަވައިދަކީ ކުރިންވެސް އެ ކައުންސިލުން އަމަލު ކުރަމުން އަންނަ ގަވައިދެއް ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އިސްތިހާރު ހަރުކުރަން ބޭނުންވާ ފަރާތްތަކުން ހުއްދަ ހޯދުމަށް ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

"މީގެ ކުރީގެ އިންތިހާބުތަކުގައިވެސް ކެންޑިޑޭޓުންގެ ފަރާތުން މި އުސޫލަށް އެއްބާރުލުން ލިބިފައިވޭ. އެހެންކަމުން މި އިންތިހާބުގައި ވެސް އެއްވެސް ކެންޑިޑޭޓަކު މި އުސޫލާ ހިލާފު ނުވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޝިފާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބަކަށްވާތީ، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ފީއަކާ ނުލައި މާލޭ ސީޓީގައި އިސްތިހާރު ހިއްޕުމުގެ ހުއްދަ ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ހުއްދަ ނުނަގައި އިސްތިހާރު ހިއްޕައިފިނަމަ، އިސްތިހާރު ހަރުކުރުމަށް ހުށަހަޅާ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެފަރާތެއް ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި އެ މާއްދާގެ ދަށުން ހުއްދަ ނުނަގައި އިސްތިހާރު ބަހައްޓާ ކޮންމެ ދުވަހަކަށް 1000 ރުފިޔާއާއި 2000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އިސްތިހާރު ނަގަންޖެހޭ މުއްދަތު ހަމަވުމުން އިސްތިހާރު ނުނަގައި ހިނގާ ކޮންމެ ދުވަހަކަށް 2000 ރުފިޔާއިން ޖޫރިމަނާ ކުރަން އެ ގަވައިދުގައި ބުނެފައިވާ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

އިސްތިހާރު ހަރުކުރުމަށް ހުށަހަޅާ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގައިވާ ތަކެތި ފުރިހަމަ ކުރުމަށްފަހު، ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވާ ފަރާތްތަކުން އިސްތިހާރު ބެހެއްޓުމުގެ ހުއްދަ ހޯދުމަށް ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އަންގައިފައެވެ.