މީޑިއާތަކަށް އަވަހަށް، ތެދު މައުލޫމާތު ހާމަކުރަން މަގުފަހިކުރުމަށް ޓަކައި މީޑިއާ އޮފިސަރުންގެ ދައުރު ހުރިހާ އޮފީހެއްގައި ވެސް އިތުރުކުރަން ޖެހޭ ކަމަށް ޝަހީބު މީޑިއާގެ ޗެއާމަން އަދި ތަޖުރިބާކާރު ނޫސްވެރިޔާ މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.
އޮފީސްތަކާއި ކުންފުނިތަކުގައި މީޑިއާ އޮފިސަރުންގެ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އަމާޒުކޮށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ކުރިޔަށް ގެންދިޔަ ހަތް ދުވަހުގެ "މީޑިއާ އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތު ބަދަލުވުން" ނިންމުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުން ޝަހީބު ރޭ ވިދާޅުވީ، އޮފީސްތަކުން ނުވަތަ އެނޫން ވެސް އިދާރާތަކުން ހިންގާ ހުރިހާ ޕްރޮޖެކްޓްތަކެއް ނުވަތަ އިވެންޓްތަކެއް މީޑިއާއަށް ހާމަކުރުމަށް އެ ހުރިހާ އޮފީހަކުން ވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް ގިނަ އޮފީސްތަކާއި ކުންފުނިތަކުގައި މީޑިއާ އޮފިސަރުންގެ މަގާމު ހިމެނިފައި އޮންނަނީ ތަންކޮޅެއް ދަށުގައި ކަމަށްވާތީ އެ އޮފީހެއްގެ ޕޮލިސީ ލެވެލްގެ މަޝްވަރާތަކާއި ނިންމުންތަކުގެ އެންމެ ފުރިހަމަ މައުލޫމާތު މީޑިއާ އޮފިސަރަށް ނޭނގޭ ކަމަށް ޝަހީބު ފާހަގަކުރެއްވި އެވެ. ނަތީޖާއަކަށް ވަނީ މީޑިއާއާ ގުޅިގެން ކަމެއް ކުރިއަށް ގެންދިއުން ނުވަތަ މީޑިއާއަށް ހާމަކުރާނެ އެންމެ ފުރިހަމަ މައުލޫމާތު މީޑިއާ އޮފިސަރަށް ނޭނގުން ކަމުގައި ޝަހީބު ވިދާޅުވި އެވެ.
"މީޑިއާއާ ގުޅިގެން ކަންކަން ރޭވުމަށް ރަނގަޅު ލަފައެއް މީޑިއާ އޮފިސަރަށް ދެވޭނީ އެގްޒެކެޓިވް ލެވެލްގެ މަޝްވަރާތަކުގައި ވެސް މީޑިއާ އޮފިސަރު ބައިވެރިކުރީމަ، މީޑިއާއާ ރަނގަޅު ގުޅުމެއް ބާއްވަން ބޭނުން ނަމަ، ހުރިހާ އޮފީހެއް އަދި ކުންފުންޏެއްގައި ވެސް މީޑިއާ އޮފިސަރުގެ ބައިވެރިވުން މިހާރަށްވުރެ ފުޅާކުރަން ޖެހޭ،" ހުސްވި ފެބުރުވަރީ މަހުގެ 23-29 އަށް ކުރިއަށް ގެންދިޔަ މީޑިއާ އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތު ބަދަލުވުމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމުގެ ހަފުލާގައި ޝަހީބު ވިދާޅުވި އެވެ.
"މީޑިއާގައި ކަމެއް ގޯސްވީމަ، އެކަމެއް ހައްލުކުރަން އުޅުމުގެ ބަދަލުގައި، އިސްވެ މައުލޫމާތު ހާމަކުރުމުގެ މުހިންމުކަން ވަރަށް ބޮޑު."
ޝަހީބު ވިދާޅުވީ ބައެއް އޮފީސްތަކުގެ ސިޔާސީ މަގާމުތަކުގައި ކުރީގެ ނޫސްވެރިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، ޕޮލިސީ ލެވެލްގެ މަޝްވަރާތަކުގައި އެ ބޭފުޅުންގެ ބައިވެރިވުން ވެސް އޮންނަ ކަމަށެވެ. އަދި އޭގެ ސަބަބުން އެ ފަދަ މުއައްސަސާ ތަކާއި މީޑިއާތަކާ މެދު އޮންނަ ގުޅުން ރަނގަޅު ކަމަށެވެ. ނަމަވެސް، މީޑިއާގެ މަސައްކަތުގައި ކޮންމެ އޮފީހެއްގެ ވެސް ދާއިމީ މުވައްޒަފުން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ޝަހީބު ފާހަގަކުރެއްވި އެވެ.
ކުރީން "ހަވީރު" އޮންލައިނާއި "ހުވާސް" މަޖައްލާގެ އެޑިޓަރުކަން ވެސް ކުރެއްވި ޝަހީބު ވިދާޅުވީ އޮފީސްތަކާއި ކުންފުނިތަކުގެ މޫނުމަތި ރަނގަޅުކުރުމަށް އެންމެ މުހިންމު ރޯލެއް އަދާކުރެވޭނީ މީޑިއާ އޮފިސަރަށްކަން ހުރިހާ ފަރާތްތަކުން ވެސް ގަބޫލުކުރަން ޖެހޭ ކަމަށާއި އެހެންކަމުން މީޑިއާ އޮފިސަރު ވާން ޖެހޭނީ ކަމުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހަކަށް ކަމުގަ އެވެ.
ޝަހީބު މީޑިއާ އިން މަސައްކަތްކުރަމުން އަންނަނީ އެފަދަ ގާބިލު މީޑިއާ އޮފިސަރުން އުފެއްދުމަށް ކަމުގައި ވެސް ޝަހީބު ވިދާޅުވި އެވެ. އަދި މީޑިއާއާ ގުޅުން ބަދަހިކުރުމަކީ ހުރިހާ އޮފީހެއްގެ ވެސް އެންމެ މަތީ ފަންތިން ފެށިގެން ކުރަން ޖެހޭ ކަމެއް ކަމަށާއި، އެ ފަރާތްތައް މީޑިއާއަށް އަހުލުވެރިކުރުވުމަށް އޮފީސްތަކުގެ އެގްޒެކެޓިވް ލެވެލްގެ ބޭފުޅުންނަށް ހާއްސަ ސެމިނާރެއް ރޭވުމުގެ ވިސްނުމެއް އެބައޮތް ކަމުގައި ވެސް ޝަހީބު ވިދާޅުވި އެވެ.
މީޑިއާ އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތު ބަދަލުވުމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިއެއް ކަމުގައިވާ އިމާދު ލަތީފެވެ. ރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން އިމާދު ވެސް ވިދާޅުވީ، މީޑިއާ އޮފިސަރުންނަށް އޮފީސްތަކުގައި އިތުރު ފުރުސަތުތައް ތަނަވަސްވާން ޖެހޭ ކަމަށެވެ. އަދި މީޑިއާ އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތަކީ ޝަހީބު މީޑިއާ އިން ފެށި މުހިންމު މަސައްކަތެއް ކަމަށާއި އެކަމުގެ ހެޔޮ ނަތީޖާ ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އިމާދު ވިދާޅުވި އެވެ.
މީޑިއާ އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތު ބަދަލުވުމުގެ ބައިވެރިންގެ ފަރާތުން ވާހަކަ ދައްކަވަމުން އެލް.ޖީ.އޭގެ ޑިރެކްޓަރު މުހައްމަދު ނަސީރު ވިދާޅުވީ ކުރު މުއްދަތެއްގެ މަސައްކަތު ބައްދަލުވުމެއް ކަމުގައި ވިޔަސް، ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިގެން ހިނގައްޖެ ކަމަށާއި މީޑިއާއާ ގުޅުން ބަދަހިކުރުމަށް އިތުރަށް ކުރެވިދާނެ ވަރަށް ގިނަ ކަންކަން ދަސްވެއްޖެ ކަމަށެވެ.
"މީޑިއާއާ ގުޅުން ބަދަހިކުރުމަށް އަޅުގަނޑުމެންގެ އޮފީހުގެ އޮނިގަނޑަށް ވެސް ބައެއް ބަދަލުތައް ގެންނަން ޖެހޭކަން މިހާރު ފާހަގަކުރެވިއްޖެ. މި މަސައްކަތު ބައްދަލުވުމުން ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބި، އިތުރަށް ލޯހުޅުވިގެން ހިނގައްޖެ،" ނަސީރު ވިދާޅުވި އެވެ.
މީޑިއާ އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތު ބަދަލުވުމުގައި، ހަބަރު ދެނެގަންނާނެ ގޮތާއި ޚަބަރު ލިޔާނެ ގޮތުގެ އިތުރުން، މީޑިއާ އޮފިސަރުގެ ޒިންމާ އާއި ދައުރާއި، ކާމިޔާބު މީޑިއާ އޮފިސަރެއްގެ ކިބައިގައި ހުންނަން ޖެހޭ މުހިންމު ސިފަތަކާއި، މީޑިއާއާއެކު މަސައްކަތްކުރުމުގެ މުހިންމުކަމާއި އޮފީހުގެ ތަސައްވުރު ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މީޑިއާގައި މައްސަލައެއް ފެންމަތިވުމުން ހައްލުކުރާނެ ގޮތްތަކާއި މީޑިއާއަށް މައުލޫމާތު ދިނުމާއި މީޑިއާއާ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް މައުލޫމާތުދީ، ކަމާ ބެހޭ ތަމްރީނުތައް ވަނީ ހަދައިފައެވެ.
މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެއްވީ ޝަހީބުގެ އިތުރުން ވަން މީޑިއާ ގުރޫޕުގެ ސީއީއޯ އަދި އެޑިޓަރު ސިނާން އަލީ އެވެ. އޭގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ މައްޗަށް ގާނޫނީ ނަޒަރަކުން އަލިއަޅުވާލައްވައި މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ހާއްސަ ލެކްޗަރެއް ދެއްވިއެވެ.
ޝަހީބު މީޑިއާއަކީ ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމްތައް 2010 އިން ފެށިގެން ބާއްވަމުން އަންނަ ފަރާތެކެވެ. ޝަހީބު މީޑިއާއިން މީގެ ކުރިން ވަނީ ތަފާތު ކޯސްތައް ހިންގައިފަ އެވެ. މިގޮތުން، މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް ވަނީ ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގައިފައެވެ.