ޚަބަރު

ޕީޕީއެމްގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާއިން ފެނުނީ ރައީސް ޔާމީންގެ މަރުކަޒީ ވިސްނުން: އެމްޑީޕީ

މަރިޔަމް ޝަހުދާ

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަލްސާ އިން ފެނުނީ މަރުކަޒީ ވިސްނުމެއް ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަދި ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައަޅަފައިވާ ތަރުޖަމާން އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޝަން ވިދާޅުވީ، ޕީޕީއެމްގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ހަރަކާތުން ޕީޕީއެމުން ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސަތު ވަރަށް ސާފުކޮށް ފެނިގެންދިޔަ ކަމަށެވެ.

އެގޮތުން ޕީޕީއެމްގެ ޖަލްސާ ކުރިއަށްދިޔައީ ޕީޕީއެމްގެ ވިސްނުމާއި އެއްގޮތަށް، މަރުކަޒީ ގޮތަކަށްކަން ފާހަގަކުރައްވާ އަފްޝަން ވިދާޅުވީ، އެޖަލްސާގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މީހުން ބައިވެރިވި ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ހަރަކާތް ބާއްވާފައިވަނީ އެއާ އިދިކޮޅަށް ލާމަރުކަޒީ ނިޒާމާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެއް ފަހަރާކަން އޭނާ ވިދާޅުވިއެވެ.

އަފްޝަން އިތުރަށް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ކައުންސިލްތަކުން މަސައްކަތް ކޮށްފައިވަނީ ރަށުގައި ހިންގާ މަޝްރޫއުތަކުގެ ހިއްސާއެއް ނެތި ވަރަށް ދަތިހާލުގައި ކަމަށާއި ނަމަވެސް މިސަރުކާރުން އެހެން އެކަން ނުކުރާނެ ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ކައުންސިލްތަކުން ނަގާފައިވާ ބާރުތައް މި ސަރުކާރުން ވެރިކަމަށް އައިސް އަނބުރާ ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ކައުންސިލްތަކާ މަޝްވަރާކުރުމެއް ނެތި ކުރީގެ ހައުސިންގް މިނިސްޓްރީން މަޝްރޫއުތައް ޕްލޭންކޮށް، އެ މަސައްކަތްތައް ނުފެށި ހުރުމަކީ މިހާރު ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވެއޭ ބުނަން އިދިކޮޅުން ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށް އަފްޝަން ވިދާޅުވިއެވެ.