ޚަބަރު

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ވިސްނުން ހުރީ ބޮޑު މުސާރަތައް ކުޑަކުރުމަށް: ބޮންޑޭ

އައިދާ އަބްދުލް ހަކީމް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން އިގުތިސާދު ދައްވަމުންދާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ވިސްނުން ހުރީ މަޖިލިސް މެންބަރުންގެ މުސާރަ އާއި ދައުލަތުގެ އިސް މަގާމުތަކުގެ މުސާރަ ކުޑަ ކުރުމަށް ކަމަށް މާފަންނުމެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ "ވަން" އަށް ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެވި އެމްޑީޕީގެ ގިނަ މެންބަރުން އެކަމަށް ތާއީދު ކޮށްފައިވާ ކަމަށެވެ. ބޮންޑޭ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށެވެ. އެހެންކަމުން އެމްޑީޕީ މެންބަރުގެ ތާއީދު އެކަމަށް ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީގެ މެންބަރުން ނިންމަވާ ގޮތް ބެލުމަށްފަހު މާދަމާގެ ވަގުތެއްގައި މަޖިލީހަށް ސިޓީއަކުން އެކަން ހުށަހަޅުއްވާނެ ކަމަށާއި އަދި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރުމަށް އެމްޑީޕީގެ ފަރާތުން ރައީސަށް ދަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޮންޑޭ އިތުރަށް ވިދާޅުވީ އެހެން ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ނިންމަވާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އުންމީދު ކުރަނީ ހުރިހާ މެމްބަރުންގެ އެއްބާރުލުން ވެސް އެކަމަށް ލިބިގެންދާނެ ކަމަށެވެ. އަދި ކޮރޯނާވައިރަސްއާ ގުޅިގެން ގައުމުތަކުގެ އިގުތިސާދު ދައްވަމުންދާ މިދަނޑިވަޅުގައި ރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީސް (ކޮވިޑް-19)އާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ވެސް ދަނީ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ.

އެގޮތުން ރާއްޖޭގެ އިގްތިސާދަށް ވެސް ނޭދެވޭ އަސަރު ކުރުން އެކަށީގެންވާތީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިތުރު ވަޒީފާއެއް ނުއުފެއްދުމަށާއި މުސާރައިގެ އޮނިގަނޑަށް ބަދަލެއް ނުގެނައުމާއި ބަޖެޓުގައި ހިމަނާފައިވީނަމަވެސް މިހާރު ދޭން ފަށާފައިނުވާ އާ އެއްވެސް އެލަވެންސެއް މިއަހަރު ދޭން ނުފެށުމަށް އަންގައި މިދިޔަ މަހުގެ ފަސްވަނަ ދުވަހު ސާކިއުލާއެއް ނެރެފައެވެ.