ޚަބަރު

ރާއްޖޭގައި ބޭއްވި އެނާޖީ އޮޑިޓަރުންގެ ތަމްރީން ޕްރޮގްރާމް 25 ބައިވެރިޔަކު ފުރިހަަމަކޮށްފި

އަލީ ޔާމިން

އެންވަޔަރަންމަންޓު މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި ސެޓިފައިޑް އެނާޖީ އޮޑިޓަރުން (ސީއީއޭ) ތަމްރީން ކުރުމުގެ ޕްރޮގްރާމު 25 ބައިވެރިވެރިޔަކު ފުރިހަމަކޮށްފިއެވެ.

އެނާޖީ އޮޑިޓަރުންނަކީ، އިމާރާތްތަކުގައި ކަރަންޓު ބޭނުންކުރުމުގައި ހަކަތަ އިސްރާފު ވާ ގޮތްތައް ދެނެގަތުމާއި އިމާރާތްތަކުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމަށް (ހެޔޮގޮތުގައި ހަކަތަ ބޭނުންކުރުމަށް) ކުރެވިދާނެ ކަންކަން ދެނެގަނެ އެފަދަ ބަދަލުތައް ގެނައުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުސާދު ދިނުމުގައި އިސް ދައުރެއް އަދާކުރާ ބައެކެވެ.

ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޓްރެއިނިން ޕްރޮގްރާމަކީ އެމެރިކާގެ އެސޯސިއޭޝަން އޮފް އެނާޖީ އިންޖިނިއާސް (އޭއީއީ)ގެ ފަންނީ މާހިރުން ގެނެސްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އޭ.އީ.އީގެ ސީއީއޭ ސެޓްފިކެޓަކީ ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގަންނަ ސެޓްފިކެޓެކެވެ. އަދި މިއީ މިދާއިރާގެ މިފަދަ ޓްރެއިނިން ޕްރޮގްރާމެއް ރާއްޖޭގައި ހިންގި ފުރަތަމަ ފަހަރެވެ.

އޭއީއީގެ ސީއީއޭ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޓްރެއިނިން ފުރިހަމަ ކުރި 25 ބައިވެރިންނަށް ވަނީ އޭއީއީގެ މެންބަރުކަން ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައެވެ. ޓްރެއިނިން ފުރިހަމަ ކުރިކަމުގެ ލިޔުމާއި މެންބަރުކަމުގެ ލިޔުން ބައިވެރިންނާއި ހަވާލުކޮށްދެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި އޭއީއީގެ އެގްޒެކެޓިވް ޑައިރެކްޓަރު މިސްޓާ ބިލް ކެންޓެވެ.

މި ޓްރެއިނިން ޕްރޮގްރަމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ދަށުން ހިންގާ ސްޓްރެންތެނިން ލޯ ކާބަން އައިލެންޑް ސްޓްރެޓެޖީސް (އެލްސީއީއައި) މަސްރޫއުގެ ދަށުން ރާއްޖޭގެ އިމާރާތްތަކުގައި ބޭނުންކުރާ ހަކަތަ ސަމަކާރަ ކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އެލްސީއީއައި މަޝްރޫއަކީ އެންވަރަންމެންޓް މިނިސްޓްރީއާ އދ ގެ ތިމާވެށްޓާބެހޭ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް)ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.