ޚަބަރު

މުޖުތަމައުގެ ލާބައާއި މަންފާއަށް ޓަކައި މަސައްކަތްކުރަން އިހްތިޔާރުކުރުމާއި، އިސްނެގުން މުހިންމު: މެޑަމް ފަޒްނާ

އައިދާ އަބްދުލް ހަކީމް

މުޖުތަމައުގެ ހެވާއި ލާބަޔަށް ކުރާ ކޮންމެ ކަމަކީ، ކޮންމެ ފަރުދަކަށްވެސް އެކަމުން މަންފާ ކުރާނޭ ކަމެއްކަން ގަބޫލުކޮށް، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް އިސްނެގުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ "ފުރާތަ"ގެ ނަމުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމް.އެން.ޔޫ) އިން އިސްނަގައިގެން މުޖުތަމައަށް އަނބުރާ ދިނުމަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތް އިފްތިތާހް ކުރުމަށް މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމް.އެން.ޔޫ.ގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒްނާ ވިދާޅުވީ ފަރުދީ ހެވާއި ލާބައާއި މަންފާއަކީ މުޅި މުޖުތަމައުގެ ހެވާއި ލާބައާއި މަންފާގެ މައްޗަށް ބަރޯސާ ވެފައިވާ ކަންކަން ކަމަށާއި އެހެންކަމުން، އެކަން އިހްސާސްވުމާއިއެކު ކޮންމެ ފަރުދަކުވެސް އިހުތިޔާރު ކުރަންވީ މުޖުތަމައުގެ ލާބައާއި މަންފާ އިސްކޮށް، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށެވެ. ދަތިކަމަކަށް ވީނަމަވެސް އަމިއްލަ ބޭނުންތައް އެކަނި ފުއްދާލައިގެން ފަރުޖެހެން ނެތްކަން ކޮންމެ ފަރުދަކުވެސް ގަބޫލުކުރަން ޖެހޭނެ ކަމަށާއި ތިމާއަށް ލިބޭ ކޮންމެ މޮޅަކާއި ލާބައެއް މުޖުތަމައުގެ އެހެން މީހުންނާއި، ހާއްސަކޮށް ނިކަމެތިންނާއި ހިއްސާކުރުމަށް މެޑަމް ފަޒްނާ އެދިވަޑައިގެންނެވި އެވެ.

އެކަން އެގޮތަށް ނުކުރާނަމަ، މުޖުތަމައު ނިކަމެތިވެ ބަލިކަށިވެދާނެ ކަމަށާއި، ކޮންމެވެސް ދުވަހަކުން ކޮންމެ ފަރުދަކަށްވެސް މިކަމުގެ އަސަރުތަކާއި ކުރިމަތިލާން ޖެހިދާނެކަން ގަބޫލުކުރާން ޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ. މެޑަމް ފަޒްނާ އިތުރަށް ވިދާޅުވީ، މައުނަވީ ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުންނަމަ، ކޮންމެ މީހަކުވެސް އެހެން މީހުންގެ ދިރިއުޅުން ބާއްޖަވެރި ކުރުމަށް އެހީތެރިވާން ޖެހޭނެ ކަމަށެވެ. ސަބަބެއް ކަމަށް އެކަމަނާ ވިދާޅުވީ، އިންސާނެއްގެ ދިރިއުޅުމުގެ އަގަކީ އެ ދިރިއުޅުމުގެ ތެރޭގައި އިހްސާންތެރިކަމާއެކު ބަދަލުކުރެވޭ އެހީގެ ސަބަބުން އެހެން އިންސާނުންގެ ހިތްތަކުގައި ބިންވަޅު ނަގުވާއިދޭ ޝުއޫރުގެ މިންވަރުކަމުގައި ވާތީ ކަމަށެވެ.

މެޑަމް ފަޒްނާ ވިދާޅުވީ ދިރިއުޅުމުގައި އުފާވެރިކަން ހާސިލުކުރަން ބޭނުން ނަމަ އެހެން މީހުންގެ އުފާވެރިކަމަށް ޓަކައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެހެން މީހުންނަށް ޒިންމާދާރުކަމާއި އިހްސާންތެރިކަމާއި އޯގާތެރިކަމާއިއެކު އަޅާލުން ފޯރުކޮށްދޭ ކޮންމެ ހިނދެއްގައި އެ ފޯރުކޮށްދެވެނީ މުޖުތަމައަށް އަނބުރާ ރައްދުކުރެވޭ އަގެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. ހާއްސަކޮށް ކުޑަކުދިންނަށް އެބައެއްގެ މައްޗަށް ބަރޯސާވާ މީހުންގެ ފަރާތުން އެހީތެރިކަމާއި އަޅައިލުމާއި ދީލަތިކަން ފެނި ތަޖުރިބާ ކުރެވޭނަމަ އެކުދީންގެ ކިބައިން އެދީލަތިކަން ފެނުމަކީ ގާތް ކަމެއްކަން މެޑަމް ފަޒްނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން މިދުނިޔޭގައި ހޭދަކުރާ ވަގުތުގެ ބޭނުމަކީ އަޅުގަނޑުމެނާއެކު އަނބުރާ ނުގެންދެވޭނޭ ތަކެތި އެއްކޮށް ފޮރުވައިގެން އުޅުމެއް ނޫން. އޭގެ ބޭނުމަކީ މިދުނިޔެއަށް އުފަންވިހިނދު މިދުނިޔެ އޮތް މިންވަރަށް ވުރެ ހިތްހެޔޮ، އިހްސާންތެރި، ރަނގަޅު މިންވަރަކަށް މިސްރާބު ހިފައި އެމަންޒިލުގެމަތީ ދޫކޮށް ދިއުން. މިއީ އެހެން އިތުރު މީހެއްގެ ޒިންމާއެއް ނޫން. މިއީ އެންމެންގެ ޒިންމާއެއް،" އެކަމަނާ ވިދާޅުވިއެވެ.

"ފުރާތަ" އަކީ އެމް.އެން.ޔޫ.ގެ ކެމްޕަސްތަކާއި ދަރިވަރުން މެދުވެރިކޮށް މުޅި މުޖުތަމައަށް، އަދި ހާއްސަކޮށް އަޅައިލުން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް، އެހީތެރިކަން ފޯރުކޮށްދީ، އެ މީހުންގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދިނުމުގެ މަގުސަދުގައި ދަރުމަޔަށް ހިދުމަތްކުރުމަށް ބާރުއަޅާ ހަރަކާތެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނާއި، ބިދޭސީންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދީންނާއި، ޓެކްސީ ޑްރައިވަރުންނާއި، ދަނޑުވެރިންނާއި، މަސްވެރިންގެ އިތުރުން އެހެނިހެން ފަރާތްތަކަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް މި ޕްރޮގްރާމުގެ ދަށުން ހިންގުމަށް ވަނީ ރާވާފައެވެ.