ލިންޑްސެއި އަދި ޑޭން ޑެމްޗަކްގެ ދެވަނަ ދަރިފުޅު އުފަންވީ އިއްޔެއެވެ.
ފެބްރުއަރީ މަހުގެ 29ވަނަ ދުވަސް އަންނަނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރުއެވެ. އެ އަހަރު ތަކަށް ކިޔާ ނަމަކީ ލީޕް އިޔާއެވެ.
ޑެމްޗަކް އާއިލާގެ ދޮށީ ދަރިފުޅުކީވެސް ލީޕް އިޔާ ބޭބީއެކެވެ. އެ ދަރިފުޅު އުފަންވެފައިވަނީ ފެބްރުއަރީ 29، 2016 ގައެވެ.
އާއިލާއިން އިއްޔެ ތައްޔާރުވަމުން ދިޔައީ ދޮށީ ދަރިފުޅުގެ އުފަންދުވަހުގެ ޕާޓީ ބޭއްވުމަށެވެ. ނަމަވެސް އެކަން ހުއްޓިގެން ދިޔައީ ކުއްލިގޮތަކަށް ލިންޑްސެއި ވިހެއުމުންނެވެ. ބްރޫކްލީންގައި ހުންނަ ކޯނީ އައިލެންޑް ހޮސްޕިޓަލްގައި ލިންޑްސެއި ވިހެއީ ހަތް ޕައުންޑްގެ އަންހެން ކުއްޖެކެވެ. އެއީ އެކުއްޖާ ވިހަން ހަމަޖެހިފައި އޮތް ތާރީހުގެ ހަތަރު ދުވަސް ކުރިއެވެ.
"އަހަރުމެންނަކީ ޑަބަލް ލީޕް އިޔާ އާއިލާ" ހޮސްޕިޓަލް އެނދުގައި ދަރިފުޅު އުރާލައިގެން އުފަލުން އިނދެ ލިންޑްސެއި ބުންޏެވެ. ލިންޑްސެއިގެ ފިރިމީހާ ޑޭން ބުނީ ލިބުނު ނިއުމަތަށް ޝުކުރު ކުރާ ކަމަށެވެ.
"އަހަރެންގެ މައިންބަފައިންނަށް ވެސް ގަބޫލެއް ނުކުރެވޭ. ބޭބެ ގުޅާފަ ބުނީ ކިހިނެއްހޭ ގަބޫލު ކުރާނީ." ޑޭން ބުންޏެވެ.
"ދޮށީ ދަރިފުޅު އޮމްރީގެ ޑިއުވެސް އޮތީ 29 ފެބްރުއަރީ 2016 އަށް. އެހެންވެ ޖޯކްވެސް ޖެހިން ލީޕް ބޭބީއަކަށޭ ވާނީ. ހަމަ އެހެންވީ. ދެން އޭރު ބުނިން ދެވަނަ ކުއްޖާވެސް އެގޮތަށް އުފަންވިއްޔާ މަޖާވާނޭ. އަނެއްކާވެސް އެހެން މިދިމާވީ. މިތިބީ ކިޔާނެ އެއްޗެއްވެސް ނޭނގިފަ. ވަރަށް އުފާވޭ." ޑޭން ބުންޏެވެ.
އެ އާއިލާއިން ބުނި ގޮތުގައި ޑޭންގެ އުފަންދުވަހުގެ ޕާޓީ ބޮޑުކޮށް ނުބޭއްވުނު ކަމުގައި ވިޔަސް، ކޭކެއް ފެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޯނީ އައިލެންޑް ހޮސްޕިޓަލުގައި އިއްޔެވަނީ ލީޕް އިޔާ ތިން ކުދީން ވިހައިފަ އެވެ. އޭގެ ތެރޭގައި ޓުވިންސެއް ވެސް ހިމެނެ އެވެ.
ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ލީޕް ޑޭގައި ވިހެއުމުގެ ފުރުސަތު އޮންނަނީ ކޮންމެ 1467 މީހަކުން އެކެކެވެ. ޕެނެސުވޭލިއާނިއާގެ ހިސާބު ޕްރޮފެސަރަކު ބުނި ގޮތުގައި ޑެމްޗަކްގެ އާއިލާއަށް ދިމާވެފައިވާ ލީޕް ދެ ބޭބީ ލިބުމުގެ ފުރުސަތަކީ ކޮންމެ 2.1 މިލިޔަނުން އެކަކަށް ލިބޭ ފުރުސަތެކެވެ.