ޚަބަރު

ބޮޑެތި އިނާމުތަކާއެކު މިފްކޯއިން ރޯދަ ޕްރޮމޯޝަން ފަށައިފި

އަލީ ޔާމިން

އަގުބޮޑު އިނާމުތަކާއެކު މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.

"މިވަރެއްނެތް"ގެ ނަމުގައި މިއަދު ފެށި މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހު 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިފްކޯގެ ރޯދަ ޕްރޮމޯޝަން ފެށުމުގެ ގޮތުން މިއަދު މިފްކޯގެ "މަސްފިހާރަ 1" ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވުން އެ ކުންފުނީގެ ސީއީއޯ އިސްލާއިލް ފައުޒީ ވިދާޅުވީ، މާލެ ހުޅުމާލޭގައި ހުންނަ މިފްކޯގެ މަސްފިހާރަތަކުން 100 ރުފިޔާއިން މަތިން ވިޔަފާރިކޮށްގެން އެ ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ ކަމަށެވެ.

ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް ކޫފަނެއް ލިބޭއިރު، ކޮންމެ ހަފުތާއަކުވެސް ނަސީބުވެރި ފަރާތްތައް ހޮވައި ހާއްސަ އިނާމުތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކީ ސައިކަލެކެވެ.

މީގެ އިތުރުން އިސްމާއިލް ފައުޒީ ވިދާޅުވީ، ޕްރޮމޯޝަނާ ދިމާކޮށް ފެލިވަރު ތެޔޮ އަދި ފެން މަސްދަޅުގެ އަގު ހެޔޮކޮށްދީފައިވާ ކަމަށެވެ. އަދި ރޯދަ މަހަށް ހާއްސަކޮށްގެން މިހާރުވެސް ދެ ޕްރޮޑަކްޓެއް މާކެޓަށް ނެރެފައި ވާއިރު އެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، މާލެ ކައިރީގައި މިފްކޯގެ ބޯޓެއް ބާއްވައިގެން ނަމަވެސް ރޯދަ މަހުގައި މާލޭގެ ރައްޔިތުންނަށް ތާޒާ ރޯމަސް ފޯރުކޮށްދޭނެ ކަމަށެވެ.