ފުޓްސަލް

އެގްޒެކެޓިވް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ކަސްޓަމްސްއަށް

އޮފީސް/ކުންފުނިތަކުގެ އެގްޒެކްޓިވުންނަށް ހާއްސަކޮށްގެން ބޭއްވި އެގްޒެކެޓިވް ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި އޮޑިޓާ ޖެނެރަލްގެ އޮފީސް ބަލިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ޗެމްޕިއަންކަން ހޯދައިފިއެވެ.

އެޗްއާރު މޯލްޑިވްސް އިން އިންތިޒާމުކޮށްގެން އެއް ދުވަހުގެ މުއްދަތަށް އެފްއޭއެމްގެ މިނީޓާފް ގްރައުންޑް ތިނެއްގައި އިއްޔެ ބޭއްވި ފުޓްސަލް މުބާރާތުގެ ފައިނަލުގައި އޮޑިޓާ ޖެނެރަލްގެ އޮފީހާ ވާދަކޮށް ކަސްޓަމްސް އިން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޝޫޓްއައުޓްގައި 3-2ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓަށް ގޮސްފައިވަނީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.

އެ މުބާރާތުގެ ފައިނަލުން ކަސްޓަމްސް ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 2-1ގެ ނަތީޖާއަކުން ހެލްތު މިނިސްޓްރީ ބަލިކޮށްގެންނެވެ. އަދި ފައިނަލުން އޮޑިޓާ ޖެނެރަލްގެ އޮފީސް ޖާގަ ހޯދީ ސެމީގެ ދެވަނަ މެޗުގައި 1-0ގެ ނަތީޖާއަކުން ހެލްތު މިނިސްޓްރީ ބަލިކޮށްގެންނެވެ.

އެޗްއާރު މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން އެގްޒެކްޓިވް ލެވަލްގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭއްވި އެ މުބާރާތް ހޯސްޓް ކޮށްފައިވަނީ ހިއުމަން ކެޕިޓަލް މެގަޒިންގެ ފަރާތުންނެވެ. އަދި މިއީ މުޅިން އަލަށް ބޭއްވި މުބާރާތެއް ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޗްއާރު މޯލްޑިވްސް އިން ބުނެއެވެ.

އެޗްއާރު މޯލްޑިވްސްއިން ބުނީ މުބާރާތުގެ މައިގަނޑު މަގުސަދަކީ އޮފީސް ކުންފުނިތަކުގެ އެގްޒެކްޓިވް ލެވަލްގެ ބޭފުޅުންނަށް އާންމުކޮށް އެފަދަ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭތީ އާއި އެފަދަ ފަރާތްތަކަށް ހަރަކާތްތެރި މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި އޮފީސްތަކުގެ އެގްޒެކްޓިވް ލެވަލްގައި މަސައްކަތްކުރާ ފަރާތްތައް އެއް މާހައުލަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުން ވެސް މުބާރާތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެޗްއާރު މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ހެލްތު މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، މޯލްޑިވްސް ޕޮލިސް ސާވިސް، އެމްއެންޑީއެފް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވިއަން، އެޗްޑީސީ، އޮޑިޓާ ޖެނަރަލްގެ އޮފީސް، ފިނޭންސް މިނިސްޓްރީގެ އިތުރުން އެސްޓީއޯއެވެ.

އެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ.