ޚަބަރު

ކައުންސިލް އިންތިހާބުގައި ޑީއާރްޕީން ވާދަކުރަނީ އެންމެ ކެންޑިޑޭޓެއް

އަލީ ޔާމިން

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ފަރާތުން ވާދަކުރައްވަނީ އެންމެ ކެންޑިޑޭޓެއް ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ވާދަކުރުކުމަށް ޖުމުލަ 2435 ކެންޑިޑޭޓަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އަށް ޕާޓީއަކުން 1،755 ކެންޑިޑޭޓުންވަނީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅައިފައެވެ. އަދި އަމިއްލަ ގޮތުން 680 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއެވެ.

ކައުންސިލް އިންތިހާބުގައި ޑީއާރްޕީން އެންމެ ގޮނޑިއަކަށް ވާދަކުރާއިރު، ޑީއާރްޕީއާ ޖެހިގެން ދެން އެންމެ މަދުން ކެންޑިޑޭޓުން ވާދަކުރަނީ އެމްއެސްއެލްޑީޕީއިންނެވެ. އެޕާޓީން ވާދަކުރަނީ ހަތަރު ކެންޑިޑޭޓުންނެވެ.

ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ކާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މީގެ ކުރިން ވިދާޅުވީ، ކައުންސިލް އިންތިހާބުގެ ހުރިހާ ދާއިރާއަކަށް އެޕާޓީން ވާދަކުރާނެ ކަމަށެވެ. އަދި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޓިކެޓުގެ އިތުރުން ފަންޑްވެސް ހަވާލު ކުރައްވާނެ ކަމަށެވެ.