ޚަބަރު

ކޯލިޝަންގައި ހިމެނޭ ޖޭޕީ، އެމްއާރްއެމް އަދި އަދާލަތުން ކައުންސިލް އިންތިހާބުގައި ވާދަކުރަނީ 173 ކެންޑިޑޭޓުން

އަލީ ޔާމިން

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫންގެ މޯލްޑިވްސް ރީފޯމް މޫވްމެންޓްސް (އެމްއާރްއެމް)އިން ވާދަކުރަނީ 173 ކެންޑިޑޭޓުންކަން އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުކުމަށް 2،435 ކެންޑިޑޭޓުން ފޯމު ހުށަހަޅައިފައިވާ ކަމަށެވެ. އެގޮތުން އެންމެ ގިނައިން ފޯމު ހުށަހަޅައިފައިވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ. އެމްޑީޕީން އެކަނިވެސް 876 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއެވެ.

އެމްޑީޕީ ނުލައި ދެން ކޯލިޝަންގައި ހިމެނޭ އެންމެ މެންބަރުން ގިނަ ޕާޓީ، ޖުމްހޫރީ ޕާޓީން ކައުންސިލް އިންތިހާބުގައި ވާދަކުރަނީ 127 ކެންޑިޑޭޓުންނެވެ. އަދާލަތު ޕާޓީން 30 ކެންޑިޑޭޓުން އަދި އެމްއާރްއެމުން 16 ކެންޑިޑޭޓުންނެވެ.

ތިން ޕާޓީ އެއްކޮށްގެން ކުރިމަތިލި ކެންޑިޑޭޓުންގެ އަދަދު އެމްޑީޕީއާ ގާތަށްވެސް އައިސްފައި ނުވާއިރު، ކޯލިޝަންގެ ތެރޭގައި ވެސް ވަނީ މި އިންތިހާބާ ގުޅިގެން ނުތަނަވަސްކަން އުފެދިފައެވެ. އެމްޑީޕީ ބައެއް މެންބަރުން ގަބޫލު ކުރާ ގޮތުގައި ކޯލިޝަނެއްގައި އޮތުމުގެ ސަބަބުން ސަރުކާރަށް މަޝްރޫއުތައް ހިންގަން އުދަނގޫވެއެވެ.

އިންތިހާބަކާ ނުލައި 12 ރަށަކުން 15 ގޮނޑިއަކަށް އިންތިހާބުވި ކައުންސިލަރުން މިހާރު ވަނީ ކަށަވަރު ވެފަ އެވެ. އޭގެ ތެރެއިން 13 ގޮނޑި ލިބިފައިވަނީ އެމްޑީޕީއަށެވެ. އިލެކްޝަން ކޮމިޝަނުން ބުނީ އެ ގޮނޑިތައް ކަށޑަވަރުވެފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް އެ ރަށްތަކުން ކެންޑިޑޭޓުން ކުރިމަތި ލުމުން ކަމަށެވެ.