އިނގިރޭސި ޕްރިމިއާ ލީގުގެ މެޗަކުން ބަލިނުވެ ލިވަޕޫލުން ދަމަހައްޓަމުންދިޔަ ރެކޯޑަށް ވެޓްފޯޑުން ނިމުމެއް ގެނެސްފިއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު ލީގު މެޗުގައި ވެޓްފޯޑް އަތުން ލިވަޕޫލް ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ. ލިވަޕޫލު ލީގު މެޗަކުން ބަލިވެފައިމިވަނީ 44 މެޗަށްފަހުއެވެ.
އެ މެޗުގައި ލަނޑުޖަހާނެ ފުރަތަމަ ފުރުސަތު ވެސް ތަނަވަސްކޮށްފައިވަނީ ވެޓްފޯޑުންނެވެ. މެޗުގެ ދިހަވަނަ މިނެޓުގައި އަބްދުއްލާޔޭ ޑުކޫރޭ ދިން ބޯޅައެއް ހިފައިގެން ލިވަޕޫލުގެ ޑިފެންޑަރު އެލެކްސެންޑާ އާނޯލްޑް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއިން ޖެރާޑް ޑެލޮފޭއު ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް ވެޓްފޯޑަށް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. އެޑަމް މަސީނާ ނަގައިދިން ހިލޭ ޖެހުމަކުން ވެޓްފޯޑުގެ ކެޕްޓަން ޓްރޯއީ ޑީނޭ ފޮނުވާލި ހަމަލާ، ލިވަޕޫލުގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ 52 ވަނަ މިނެޓުގައި ލިވަޕޫލަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ވާޖިލް ވެން ޑައިކް ދިން ބޯޅައަކުން އެންޑްރޫ ރޮބާޓްސަން ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ ވެޓްފޯޑުގެ ކީޕަރު ބެން ފޯސްޓާއެވެ.
އޭގެ ދެ މިނެޓު ފަހުން ވެޓްފޯޑުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޑުކޫރޭ ދިން ބޯޅައަކުން ވެޓްފޯޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސެނަގާލް ފޯވަޑް އިސްމާއީލާ ސާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިވަޕޫލުގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ވެޓްފޯޑުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޑީނޭ ދިން ބޯޅައަކުން ވެޓްފޯޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ސާރްއެވެ. ޑީނޭ ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ލިވަޕޫލުގެ ގޯލުގެ ތެރެއަށް ސާ ބޯޅަ ފޮނުވާލީ ކީޕަރު އެލިސަންގެ ބޯމަތިންނެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ވެޓްފޯޑުން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްލުމަށް ލިވަޕޫލަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން އެޑަމް ލަލާނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ލިވަޕޫލުގެ ގޯލުގެ އަރިމަތީ ދަނޑިއަކަށެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ވެޓްފޯޑުން ވަނީ އިތުރު ލަނޑެއް ޖަހައި ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ސާ ދިން ބޯޅައަކުން ވެޓްފޯޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޑީނޭއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ޑީނޭ ގޯލުގެ ތެރެއަށް ފޮނުވާލީ ލިވަޕޫލުގެ ކީޕަރު އެލިސަން ކުރިއަށް ނުކުމެ ހުއްޓައެވެ.
އެ މެޗުން ބަލިވި ނަމަވެސް، ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ލިވަޕޫލެވެ. ލިވަޕޫލާއި ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު 22 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލިވަޕޫލަށް 28 މެޗުން 79 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ސިޓީއަށް 27 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް 28 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް 28 މެޗުން 45 ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 27 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ.