ރާއްޖޭގެ ޖަލުތަކުގެ ކެޕޭސިޓީއަށްވުރެ ޖަލުތަކުގައި މީހުން އިތުރުވުމުގެ ސަބަބުން ގައިދީންނަށް ބައެއް ހައްގުތައް ގެއްލޭ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު ވިދާޅުވީ ވަރަށް ކުދި ކުށްތަކުގައި ޖަލަށް ލާން ހުކުމްކުރާ މީހުން ވެސް ޖަލުތަކުގައި އެބަތިބި ކަމަށާއި އޭގެ ތެރޭގައި 15 ވަރަކަށް ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރާ މީހުން ވެސް ހިމެނޭ ކަމަށެވެ.
"ވަރަށް ކުދިކުދި ކުށްތަކުގައި، އެންމެ ކުޑަމިނުން 15 ދުވަސް، ދިހަ ދުވަސް، މިގޮތަށް މީހުން އެބަ ޖަލަށްލާ. އެހެންވީމާ މިކަމުގެ ސަބަބުން ރާއްޖޭގެ ޖަލުތަކުގެ ކެޕޭސިޓީއަށްވުރެ ގިނައިން ޖަލުތަކުގައި މީހުން އެބަތިބި މިހާރުވެސް. ހާއްސަކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހިންގާ ހަތަރު ޖަލަށް ބަލައިލި ކަމަށްވީ ނަމަވެސް، އެކަން ވަރަށް ބޮޑަށް ފާހަގަވެގެން އެބަދޭ،" އޭނާ ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ ބައެއް ޖަލުތަކުގައި އެ ޖަލުތަކުގެ ކެޕޭސިޓީއަށްވުރެ 30 ޕަސަންޓް މީހުން އިތުރަށް އެބަތިބި ކަމަށާއި އެކަމުގެ ސަބަބުން ދޭން ޖެހޭ އަސާސީ ހިދުމަތްތައް ހުއްޓުން އަރާފައި، ނޫނީ މަޑުޖެހިފައި، ނޫނީ ހިދުމަތްތައް ދިނުމުގައި ބައިވަރު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.
"މުއައްސަސާއަށް ނުކުޅަދާނަވާ ވަރަށް މީހުން އެބަ ގެންގުޅެން ޖެހޭ. އޭގެ ސަބަބުން ބަންދުގައި ތިބޭ މީހުންގެ އެންމެ އަސާސީ ހައްގުތައް ވެސް ގެއްލިގެން އެބަދޭ. ޖަލުތަކުގެ އާބާދީ އިތުރުވެ، ޖަލުތަކުގެ އިންފްރާސްޓްރަކްޗާ ވީކްވެފައި ހުރި މިންވަރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަވެގެންދޭ،" އޭނާ ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދައްކަން ޖެހޭ ވަރަށް ގިނަ އަދަދެއްގެ ގައިދީން އެބަތިބި ކަމަށާއި އެމީހުން ޑޮކްޓަރަށް ދެއްކުން ދިގުލައިގެންދާ ސަބަބަކީ އާންމު މީހަކު ޑޮކްޓަރަށް ދައްކަން ޖެހޭ މަސައްކަތްކުރަން ޖެހުން ކަމަށެވެ.
"މާނައަކީ އެޕޮއިންޓްމަންޓެއް ލިބެންދެން މަޑުކޮށްފައި، އެޕޮއިންޓްމަންޓެއް ލިބުނީމަ އައިސް ޑޮކްޓަރަށް ދައްކައިގެން މިކަން މިކުރަނީ. އެހެންނަމަވެސް މިވީހާތަނަށް ކުރެވުނު މަސައްކަތްތަކުން އެބަހުރި ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އެއް ނަންބަރު ލިބޭގޮތަށް އިންތިޒާމުތައް ހަމަޖެހިފައި. އެހެންނަމަވެސް އެ އަދަދަކީ އަޅުގަނޑުމެންނަށް ރިކުއެސްޓް އަންނަ އަދަދަށް ބަލާއިރު ވަރަށް ކުޑަ އަދަދެއް،" އޭނާ ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ ގައިދީން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެންނަން ޖެހެނީ ދޯންޏެއްގައި ކަމަށާއި މާފުށި އަދި އައްސޭރި ޖަލަކީ މާލެ ކައިރީ ރަށްރަށުގައި ހުރި ތަންތަން ކަމުގައިވިޔަސް، ޑޮކްޓަރަށް ދައްކަން ޖެހިއްޖެ ކަމުގައިވާ ނަމަ އެމީހުން މާލެ ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަންކަމަށް ހައްލު ހޯދުމަށްޓަކައި މާފުށީ ޖަލުގައި މެޑިކަލް ސެންޓަރެއް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެ މެޑިކަލް ސެންޓަރުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމުމާ ހަމައިގައި އެހުރީ. އަޅުގަނޑުމެން އުންމީދު މިކުރަނީ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މެޑިކަލް ސެންޓަރު ފަންކްޝަން ކުރެވޭނެ ކަމަށް. އެތަނަކީ މީހުން އެޑްމިޓްކޮށްލައިގެން ހިދުމަތްދެވޭނެ ތަނެއް،" އޭނާ ވިދާޅުވިއެވެ.
އަހުމަދު އިތުރަށް ވިދާޅުވީ މާފުށީގައި ތަރައްގީކުރާ މެޑިކަލް ސެންޓަރަކީ ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ވިސިޓިން ޑޮކްޓަރުންގެ ގޮތުގައި ގެނެސް، ގައިދީންނަށް ފަރުވާދިނުމަށް ތަރައްގީކުރާ ސެންޓަރެއް ކަމަށާއި މިހާރު ޓެސްޓެއް ހަދާލަން ވިޔަސް ގައިދީން މާލެ ގެންނަން ޖެހޭ ކަމަށެވެ.