އަލީ ޔާމިން
އޭޕްރީލް މަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީއަށް 13 ގޮނޑި ކަށަވަރުވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިރޭ އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، 12 ރަށަކުން 15 ގޮނޑިއަށް ބޭފުޅުން ކުރިމަތިލީ ގާނޫނުގައި އިންތިހާބު ކުރަން ބުނެފައިވާ އަދަދަށް ކަމަށާއި މިވަގުތަށް ބަލާނަމަ އެފަރާތްތައް ވަނީ ހޮވިފައި ކަމަށެވެެ.
ޝަރީފު ވިދާޅުވީ ކެންޑިޑޭޓުންގެ ގުރު ނެގުމާ ހަމައަށް ގާނޫނީ ގޮތުން، ކެންޑިޑޭޓުންނަށް ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެކަމާ ބެހޭގޮތުން "ވަން"އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ، އެ 15 ގޮނޑީގެ ތެރެއިން 13 ގޮނޑިއަކީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ލިބިފައިވާ ގޮނޑިތައް ކަމަށާއި ބާކީ ދެ ގޮނޑިއަކީ އަމިއްލަ ގޮތުން ކުރިމަތިލި ދެ ފަރާތަކަށް ކަށަވަރުވެފައިވާ ގޮނޑި ކަމަށެވެ. އަދި އިންތިހާބެއް ބާއްވަން ނުޖެހޭ މި ދާއިރާތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީގެ ގޮނޑިއެއް ހިމެނޭ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސައިފައިވަނީ އަންނަ އެޕްރީލް މަހު ހަތަރުވަނަ ދުވަހުއެވެ.