ޗައިނާއަށްފަހު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކޮރޯނާވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ސައުތް ކޮރެއާ އިން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަންނަ ކޮރެއަން އެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.
ކޮރެއަން އެއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މެނޭޖަރު ލިމް ސޯހީ "ވަން" އަށް ވިދާޅުވީ، އެ އެއާލައިނުން ރާއްޖެއަށްކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ކަމަށެވެ.
އެ ނިންމުމަކީ ކޮރާނާވައިރަސް ފެތުރުން ހުއްޓުވުމަށް ދިވެހި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ތެރެއިން ދިވެހި ސަރުކާރުން އެދިގެން އަދި ފަސިންޖަރުންގެ ރައްކާތެރިކަމަށް ނިންމި ނިންމުމެއް ކަމަށް ވެސް ލިމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކޮރެއަން އެއާ މެދުވެރިކޮށް ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާ މީހުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެ އެއާލައިންގެ ރާއްޖޭގެ ޓިކެޓިން އެޖެންޓް، އެކްސްޕާޑައިޓް މޯލްޑިވްސް މެދުވެރިކޮށް އެހެން އެއާލައިންތަކަށް ފަސިންޖަރުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައި ފަސިންޖަރުންނަށް ދިމާވެދާނެ ދަތިތަކަށް ލިމް ވަނީ މައާފަށް އެދިފައެވެ.
ކޮރެއަން އެއާ އިން ހަފްތާއަކު ތިން ފްލައިޓް ރާއްޖެއަށް ދަތުރުކުރާއިރު އެ އެއާލައިނުން ގިނއަ އަދަދެއްގެ ދިވެހިން އަވަށްޓެރި ސްރީ ލަންކާއަށް ވެސް ދަތުރުކުރެއެވެ. އަދި ކާގޯ މެދުވެރިކޮށް މުދާ ގެންދިއުމަށް ވެސް ގިނަ ބަޔަކު ކޮރެއަން އެއާ ބޭނުން ކުރެއެވެ.
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން ދާދި ފަހުން ވަނީ އީރާނުގެ އިތުރުން ސައުތް ކޮރެއާގެ ޑޭގޫ، ޖިއޮންބޮކް، ބޫސާން، ސޯލް، ޖިއޮންގީ އަދި ޖިއޮންގްނަމުން ރާއްޖެ އަންނަ ދިވެހިން ނޫން މީހުންނަށް ޓްރެވަލް ރެސްޓްރިކްޝަންތަކެއް ނެރެފައެވެ.