ޚަބަރު

އެމްޑީޕީގެ ބަޔާނަށް ސަލަފު: އެއީ އިސްލާމްދީނަށް ފުއްސާރަ ކުރުމަކީ ކުށެއް ނޫން ކަމަށް ހެދުމަށް ނެރުނު އޮޅުވާލުމެއް

2

ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަށް ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ނޫން ކަމަށް ހެދުމަށް ނެރެފައިވާ ބަޔާނެއް ކަމަށް ޖަމިއްޔަތުއް ސަލަފުގެ ރައީސް ޝެއިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ނެރުނު އެ ބަޔާނުގައި ވަނީ، ދީނީގޮތުން ހިލާފު އުފެދޭ ކަންކަމާއި މައްސަލަތަކުގައި ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނީ "ލާދީނީ" މީހުން ކަމުގައި ލޭބަލްކޮށް އެމީހުންނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖުތަމައުގައި ފިތުނަ އުފެއްދުމަށް މަސައްކަތްކުރާ މީހުންގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް ފުލުހުންނަށް ގޮވާލައިފައެވެ.

އެކަމާއި ގުޅިގެން ސަލަފުގެ ރައީސް ޝެއިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އެ ބަޔާނަކީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް އެއްޗެހި ކިޔުން ރާއްޖޭގައި އާންމުކޮށް އެއީ ކުށެއް ނޫން ކަމަށް ހެދުމަށްޓަކައި ނެރެފައިވާ އޮޅުވާލުމުގެ މުގައްދިމާއެއް ކަމަށެވެ.

އަދި އިސްލާމީ ގައުމެއްގައި މުސްލިމުންގެ ދީނަށާއި އެމީހުން އެންމެ ލޯބިވާ ފަރާތަށް ފުރައްސާރަ ކުރުމަށްވުރެ ބޮޑު ނަފުރަތަކާ ރުޅިވެރިކަމެއް ނުފެތުރޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

"އެމްޑީޕީގެ ލޮބުވެތި އާއްމު މެންބަރުން، ޕާޓީގެ އިސްފަރާތްތަކުން ކުރަމުންދާ ލާދީނީ އެޖެންޑާ ހުއްޓުވުމުގެ ވަގުތު ނުޖެހެނީތޯއެވެ؟،" ބިން ޖަނާބުގެ ޓުވިޓާގައި ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، މިފަހަކަށް އައިސް މުޖުތަމައުގެ އެއްބައެއް އަނެއްބަޔަކާމެދު ރުޅިވެރިކަމާއި ނަފްރަތު އުފައްދައި މުޖުތަމައުގައި ފިތުނަވެރިކަން އުފައްދައި ރައްޔިތުން ބައިބައި ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށެވެ.

އެގޮތުން ދީނީގޮތުން ހިލާފު އުފެދޭ ކަންކަމާއި މައްސަލަތަކުގައި ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނީ "ލާދީނީ" މީހުންކަމުގައި ލޭބަލްކޮށް އެމީހުންނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދައި މުޖުތަމައު ފިތުނަ ކުރުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

އަދި އެފަދަ ވާހަކަތަކަށް ދައުލަތުން އަޅާނުލެވިއްޖެނަމަ ގައުމުގައި ބައިބައިވުން އިތުރުވެ، ގައުމުގެ އަމަންއަމާންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟