ލޯކަލް ކައުންސިލް އިންތިހާބުގެ ޕީޕީއެމް ކެމްޕޭން އިފްތިތާހު ކުރަން ރޭ ބޭއްވި ޖަލްސާއިން ފެނިގެންދިޔައީ އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިހްލާސްތެރި މަސައްކަތް ރައްޔިތުން ބަލައިގެންފައިވާ މިންވަރު ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ރޭގެ ޖަލްސާގެ ބައެއް ފޮޓޯތަކާއެކު ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޭގެ ޖަލްސާއިން ފެނިގެންދިޔައީ ރައީސް ޔާމީނާއި ޕީޕީއެމް ސަރުކާރުގެ އިހުލާސްތެރިކަން ރައްޔިތުން ބަލައިގެންފައިވާ މިންވަރު ކަމަށެވެ.
އޭގެ އިތުރުން ރޭގެ ޖަލްސާއިން އެހެން ތިން ކަމަކަށް ވެސް ރައްޔިތުން ނޫނެކޭ ބުނެފިކަން ސާބިތު ވެފައިވާ ކަމަށް ވިދާޅުވިއެވެ.
އޭގެން ފުރަތަމަ ކަމަކީ ޖަމީލު ވިދާޅުވީ އިސްލާމް ދީނާއި މިނިވަންކަމަށް ގޮންޖެހުމެވެ. ދެން ރައްޔިތުން ނޫނެކޭ ބުނީ އާންމުވަމުންދާ ކޮރަޕްޝަނާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތަށް ކަމަށް ވިދާޅުވިއެވެ.
ޑރ. ޖަމީލަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އެމަނިކުފާނުގެ ރަނިން މޭޓެއްގެ ހައިސިއްޔަތުން އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދެއްވާ ޖަމީލު މަގާމުން ދުރުކުރެއްވިއެވެ.
އެއަށްފަހު ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދެވި ޑރ. ޖަމީލު ޖޭޕީއާ ގުޅިވަޑައިގަތީ ފެބްރުއަރީ 10، 2018 ގައެވެ.
ނަމަވެސް ޖޭޕީ ހިމެނިގެން އުފެއްދި ކޯލިޝަނެއްގެ ތެރެއިން މި ސަރުކާރު ވެރިކަމަށް ގެނައުމަށްފަހު ފަހަކަށް އައިސް ޖަމީލު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.