ޚަބަރު

ނަފްރަތު އުފައްދައި އަމާންކަން ނަގާލަން ވާހަކަދައްކާ މީހުންގެ މައްސަލަތައް އަވަހަށް ބެލުމަށް އެމްޑީޕީން ގޮވާލައިފި

1

ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދަން އުޅޭ މީހުންގެ މައްސަލަތައް ސީރިއަސް ކަމާއެކު އަވަހަށް ބެލުމަށް އެމްޑީޕީން ފުލުހުންނަށް ގޮވާލައިފިއެވެ.

ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިފަހަކަށް އައިސް މުޖުތަމައުގެ އެއްބައެއް އަނެއްބަޔަކާމެދު ރުޅިވެރިކަމާއި ނަފްރަތު އުފައްދައި މުޖުތަމައުގައި ފިތުނަވެރިކަން އުފައްދައި ރައްޔިތުން ބައިބައި ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށެވެ.

އެގޮތުން ދީނީގޮތުން ހިލާފު އުފެދޭ ކަންކަމާއި މައްސަލަތަކުގައި ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނީ "ލާދީނީ" މީހުންކަމުގައި ލޭބަލްކޮށް އެމީސްމީހުންނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖުތަމައު ފިތުނަ ކުރުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށް އެމްޑީޕީން ބުނެއެވެ.

އޭގެ އިތުރުން މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ދެމެދު ރުޅިވެރިކަމާއި ނަފްރަތު އުފެދޭ ގޮތަށް ވެސް ވާހަކަ ދައްކަމުންދާކަން ފާހަގަކޮށް އެމްޑީޕީގެ ބަޔާނުގައި ބުނީ، އެއީ ވެސް އެއްބަޔކު އަނެއް ބަޔަކާމެދު ފިތުނަވެރި ކުރުމަށް ކުރާ މަސައްކަތެއް ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި އެފަދަ ވާހަކަތަކަށް ދައުލަތުން އަޅާނުލެވިއްޖެނަމަ ގައުމުގައި ބައިބައިވުން އިތުރުވެ، ގައުމުގެ އަމަންއަމާންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

"ވީމާ، ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމައުގެ އަމަންއަމާންކަން ނަގާލާ މޭރުމުން ވާހަކަދައްކާ ފަރުދުންނާއި ސޯޝަލް މީޑިޔާގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ބެލުމަށް އިލްތިމާސް ކުރަމެވެ.،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟