މިދުވަސްވަރަކީ މާލޭގައި ރޯގާ އާއި ފާނަބަސަންދު ފެތުރެމުންދާ ދުވަސްވަރަށްވާތީ ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން ބަލިމީހުންނަށް ޒިޔާރަތް ނުކުރުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފިއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ބަލިމީހުންގެ އަދި އަމިއްލަ ރައްކާތެރިކަމަށް ޓަކައި ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ރޯގާ ޖެހި، ހުންއައިސް ނުވަތަ ކެއްސާ މީހުން ބަލިމީހުންނަށް ޒިޔާރަތް ނުކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.
އޭގެ އިތުރުން ފާނަބަސަންދު ޖެހިގެން އުޅޭ ގެއެއްގެ މީހުން (ކުރިން ފާނަބަސަންދު ޖެހިފައިނުވާ މީހުން އަދި ފާނަބަސަންދަށް ވެކްސިން ދެޑޯޒް ޖަހާފައި ނުވާ މީހުން) އަލާމާތެއް ފެންނަން ނެތަސް ބައްޔަށް ހުށަހެޅިފައިވާ މީހުންގެ ޒަރިއްޔާއިން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަށް ބުނެފައި ވެއެވެ.
އައިޖީއެމްއެޗުން ވަނީ ބަލިތަކުން ރައްކާތެރިވުމަށް އަދި ބަލިފެތުރުން ހުއްޓުވުމަށް ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް ވެސް އެދިފައެވެ. އެގޮތުން؛
މާލޭގައި ރޯގާ އަދި ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފައި ވާއިރު ދުނިއޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީސް (ކޮވިޑް-19) އިން ރައްކާތެރިވުމަށް ވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
އެގޮތުން ބަލި ފެތުރެމުންދާ ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށާއި ދަތުރުކުރާއިރު ވެސް އެގައުމެއްގައި ބަލިއުޅޭ ސަރަހައްދުތައް ދެނެގަނެ މައުލޫމާތު އެއްކުރުމަށް އިލްތިމާސް ކުރެއެވެ.