ޚަބަރު

ތިމާ ގަބޫލުކުރާ ގޮތްނޫން ރައުޔަކަށް ބުރަވާ މީހުންނަކީ ލާދީނީ މީހުންކަމަށް ލޭބަލްކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން: އެމްޑީޕީ

އައިދާ އަބްދުލް ހަކީމް

ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނަކީ "ލާދީނީ" މީހުން ކަމުގައި ލޭބަލްކޮށް އެމީސްމީހުނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖުތަމައު ފިތުނަ ކުރުމަކީ ގަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށް މޯލްޑިވްސް ޑިމޮކްރަޓިވް ޕާޓީ(އެމްޑީޕީ)ން ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް، މުޖުތަމައުގެ އެއްބަޔަކު އަނެއް ބަޔަކާ މެދު ރުޅިވެރިކަމާއި ނަފުރަތު އުފައްދައި މުޖުތަމައުގައި ފިތުނަވެރިކަން އުފައްދައި ރައްޔިތުން ބައިބައި ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެކަން ހާސިލުކުރުމަށް ޓަކައި އެފަރާތްތަކުން ދެ މައުޟޫއެއްގައި ވާހަކަ ދައްކާކަން ފާހަގަކުރެވޭ ކަަމަށެވެ.

އޭގެތެރެއިން އެއް މައުޟޫއަކީ، ފަރުދުންގެ މެދުގައި ދީނީ ގޮތުން ހިޔާލު ތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ހިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާ މެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށް ދައްކާ ވާހަކަތައް ކަމަށެވެ. އަދި، އެކަންކުރުމުގައި އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާ ކަމަށާއި އޭގެ މިސާލެއްގޮތުން އެމްޑީޕީން ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވޯކްޝޮޕެއް ބޭއްވުމަށް ރާއްޖެ އައި ފައުންޑޭޝަނެއްގެ މީހަކު ހދ. ހަނިމާދޫގައި ދެއްކި ވާހަކައާ ގުޅުވައިގެން ފަތުރަމުން ދަނީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ކަމަށެވެ.

އެމްޑީޕީން ބުނީ އޭގެ ސަބަބުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ފުރާނަޔަށް ނުރައްކާވާ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށެވެ. ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައިވާ ދިވެހީންނާއި އެމީސް މީހުންގެ އާއިލާތައް އަނބުރާ މުޖުތަމައު ތެރެއަށް ގެނައުމުގައި އެމީސްމީހުން ރީހެބިލިޓޭޓް ކުރުމަކީ ސަރުކާރުން ހިންގާން ޖެހިފައިވާ މުހިއްމު އަދި އެހާމެ ބޮޑު މަސައްކަތެއް ކަަމަށެވެ.

އެމްޑީޕީން ބުނީ ސަރުކާރުން އެމަސައްކަތް ކުރަމުން އަންނައިރު، އެކަަމަށް ގަސްދުގައި ހުރަސްއަޅައި އެމަސައްކަތް ހިންގިޔަ ނުދީ ފެއިލް ކޮށްލުމަށްޓަކައި އެއްވެސް އަސްލެއް ނެތް ވާހަކަތަކާއި ބުހުތާނު ދޮގު ވާހަކަތައް ފަތުރައި މުޖުތަމައު ފިތުނަ ކުރުމަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަން އެޕާޓީން ފާހަގަ ކުރާ ކަމަށެވެ. އެޕާޓީން ގަބޫލުކުރާ ގޮތުގައި އެފަރާތްތަކުން އެކަންކަން ކުރަމުން ގެންދަނީ ހީލަތްތެރި ވިސްނުމެއްގައި ރޭވުންތެރިކަމާއެކު ސަރުކާރުގެ އެ މަސައްކަތް ފެއިލްކޮށްލުމަށް ކަމަށް އެމްޑީޕީން ބުނެއެވެ. އަދި އެއީ ދީނީ ހަރުކަށި ވިސްނުމާއި ހަނގުރާމަވެރި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވާލުމަށް ކުރަމުންދާ ކަަމެއް ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

ދެވަނަ މައުޟޫގެ ގޮތުގައި އެމްޑީޕީން ފާހަގަކޮށްފައިވަނީ، މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ދެމެދު ރުޅިވެރިކަމާއި، ނަފުރަތު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކާއި ކުރާ މަސައްކަތްކަތެވެ. އެފަދަ ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާއިމެދު އެޕާޓީ ކަންބޮޑުވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އެފަދަ ވާހަކަތަކަށް ދައުލަތުން އަޅާނުލައިފިނަމަ ގައުމުގައި ބައިބައިވުން އިތުރުވެ، ގައުމުގެ އަމަންއަމާންކަމާއި، ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިޔުމުގެ ފުރުސަތު އިންތިހާއަށް ބޮޑުކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށާއި މުޖުތަމައުގެ އަމަންއަމާންކަން ނަގާލާ މޭރުމުން ވާހަކަދައްކާ ފަރުދުންނާއި، ސޯޝަލް މީޑިއާގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި ފުލުސް އޮފީހުން ބަލައިދިނުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

އެމްޑީޕީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން އަސާސީ ގިނަ ހައްގުތަކެއް ކަށަވަރުކޮށްދީފައިވާކަމަށާއި އެހައްގުތަކަކީ އެޕާޓީގެ ނުހަނު ބުރަ މަސައްކަތުން ގާނޫނުއަސާސީގައި ހިމެނި ހައްގުތަކެއް ކަމަށެވެ. އަދި، އެޕާޓީއަކީ އެހައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ކެނޑިނޭޅި ވަކާލާތު ކުރާ ޕާޓީއެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަކީ އެންމެ އަސާސީ އެއް ހައްގު ކަމަށާއި އެހެންނަމަވެސް، އެހައްގު ވެސް ބޭނުންކުރުމުގައި އެހެން ހައްގުތަކެކޭ އެއްފަދައިން އެހައްގުގެ ބޭނުން ކުރެވޭނޭ ހުދޫދުތަކެއްވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށާއި މުޖުތަމައު ބައިބައިކޮށް ފިތުނަ ކުރުމަށް ވާހަކަދެއްކުން (hate speech) އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ހުއްދަކުރާ ކަމެއް ނޫންކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ވެސް ނޫން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.