ޚަބަރު

ރައީސް ޔާމީނާއެކު ބައިގަޑިއެއްހާއިރު ހޭދަކުރިން، ގޯސް ކުރެއްވީ އަޅުގަނޑު: އިމްރާން

އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު މާފުށީ ޖަލުގައި ބައިގަޑިއެއްހާއިރު ހޭދަކުރެއްވި ކަމަށާއި ނަމަވެސް އެމަނިކުފާނު މިއަދު ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމުގެ ޒިންމާ ނަންގަވަން ޖެހޭނީ އޭނާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "ގޮނޑިކޮޅު" ޕްރޮގްރާމްގައި މިނިސްޓަރު އިމްރާން ވަނީ މިދިޔަ އަންގާރަ ދުވަހު މާފުށީ ޖަލަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޔާމީން ހުންނަވާ ޔުނިޓަށް ވަޑައިގެން އެމަނިކުފާނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ބައެއް ވާހަކަތަކުގެ ތަފްސީލު ހިއްސާ ކުރައްވައިފައެވެ.

އިމްރާން ވިދާޅުވީ، ރައީސް ޔާމީންގެ އަރިހަށް ޒިޔާރަތް ކުރެއްވީ ޒާތީވުމާއި އަނިޔާވެރިވުމުގެ އެއްވެސް ވިސްނުމެއް ނެތި، އެމަނިކުފާނުގެ ހާލުކޮޅު ހުރިގޮތާއި ދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް އަމިއްލައަށް ބައްލަވައިލެއްވުމުގެ ގޮތުން ކަމަށެވެ. އަދި އެ ބައްދަލު ކުރެއްވުމުގައި ބައިގަޑިއެއްހާއިރު އެމަނިކުފާނުގެ ޝަކުވާތަކާއި ހިތުގެ އުދާސްތައް އަޑުއެއްސެވި ކަމަށް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ދެކެވުނު ވާހަކައިގެ ތެރެއިން އެންމެ މުހިންމު އެއްބައި ރައްޔިތުންނާ ހަމައަށް ގެނެސްދޭން އަދި ދެ ދުވަހެއްވަރު ވާނެ ކަމަށާއި ރައްޔިތުންނާ ހަމައަށް ގެނެސްދޭން ޖެހޭ އެއްވެސް ކަމެއް ނުގެނެސްދީ ނުބާއްވަވާނެ ކަމަށް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި އެ ވާހަކަތަކަކީ ރައީސް ޔާމީން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމާއި ގުޅޭގޮތުން އެމަނިކުފާނާއެކު އިމްރާން ދެއްކެވި ވާހަކަތަކެވެ. އެގޮތުން ރައީސް ޔާމީނަށް ޑޮކްޓަރުން ދެއްވާފައިވާ ސިއްހީ ލަފާ އެމަނިކުފާނުގެ އާއިލާއާ ހިއްސާކޮށްފައިވާ ކަމަށް އިމްރާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

"ބައިގަޑިއެއްހާއިރު ހިތުގެ އުދާސްތަކާއި ޝަކުވާތައް ހަމަ އަޑުއަހާލަން ހުރިން. އޭގެ ތެރެއިން ވަރަށް މުހިންމު އެއް ބައެއް އަދީބުގެ ވާހަކަ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ވަންދެން ދެއްކެވި. އަދީބު ކޮށްފަ ހުރި ގޯސް ކަންތައްތަކުގެ ވާހަކަ. ނިންމާލެއްވީމަ އަޅުގަނޑު ދެންނެވިން ރައީސް ޔާމީނޭ، ރައީސް ޔާމީން ވެރިކަމުގައި އިންނަވަނިކޮށް ރައީސް ޔާމީނާ ބައްދަލުކޮށްފައި ނުދަންނަވަންތޯއޭ އަދީބު ތިކަހަލަ ގޯސްކޮށް ކަންތައް ކުރައްވާ ވާހަކަ، އެދުވަހު އެ ފިޔަވަޅު ނޭޅުއްވީމަ ނޫންތޯއޭ މިހިސާބަށް ކަންތައް މިއައީ. އެހެންވީމަ ދެން އެކަމުގައި ޒިންމާވާން ޖެހެނީ އިމްރާނުތޯ އަދީބުތޯ ރައީސް ޔާމީން ނިންމަވާށޭ،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، އަދީބު ކުރެއްވި ކަންތައްތައްތަކުން ރައީސް ޔާމީނަށް ލިބުނު ގެއްލުމުގެ ޒިންމާ އިމްރާން ނަގަން ޖެހޭނެ ކަމަށް ވިދާޅުވެ ޔާމީން އޭނާ ގޯސް ކުރެއްވި ކަމަށެވެ. ނަމަވެސް މިއަދު އަދީބު ކުރެއްވި ކަންތައްތަކުގެ ރަހަ ލިބުނު ކަމަށް ރައީސް ޔާމީން ވިދާޅުވުމުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް ވިދާޅުވިއެވެ.