އަލީ ޔާމިން
ހުޅުމާލޭގެ ގެދޮރުވެރިކަމާ ބެހޭ ގިނަ މައުލޫމާތުތައް އެއްފުރާޅެއްގެ ދަށުން ލިބޭނެ ވެބްސައިޓެއް ހައުސިން ޑިވެލޮޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ތައާރަފުކޮށްފިއެވެ.
"މައި ހުޅުމާލެ ޕްރޮޕަޓީސް"ގެ ނަމުގައި މި ވެބްސައިޓް ތައާރަފުކޮށްފައިވަނީ މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ލިވިން އެކްސްޕޯގެ ތެރެއިންނެވެ.
އެ ވެބްސައިޓާ ބެހޭ ގޮތުން "ވަން"އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރު މާކެޓިން ހިޝާމް ސައީދު ވިދާޅުވީ، މައި ހުޅުމާލޭ ޕްރޮޕަޓީސް ވެބްސައިޓުން ހުޅުމާލޭގައި ލިބެން ހުރި ހުރިހާ އެޕާޓްމެންޓްތަކުގެ މައުލޫމާތު ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައެވެ.
"މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ބޭނުންވަނީ ހުޅުމާލޭގައި ލިބެން ހުރި، ހުރިހާ އެޕާޓްމެންޓްސް ފްލެޓްސް އަދި، ކޮމާޝިއަލީ ލީސް ކުރެވޭނެ ތަންތަން އެއް ވެބްސައިޓަކުން ރައްޔިތުންނަށް ހާމަކޮށްދިނުން. މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ" ހިޝާމް ވިދާޅުވިއެވެ.
އެޗްޑީސީ އަކީ މިއަހަރުގެ ލިވިން އެކްސްޕޯގެ އެންޑޯޒްމެންޓް ޕާޓްނަރެވެ. އެޗްޑީސީގެ ސްޓޯލެއް ލިވިން އެކްސްޕޯގައި ހުރިއިރު އެ ސްޓޯލުން އެޗްޑީސީން ކުރިއަށް ގެންދާ މަޝްރޫއުތަކާއި، ހިދުމަތްތަކުގެ މައުލޫމާތު ލިބެން ހުރެއެވެ. މިއީ ލިވިން އެކްސްޕޯގައި އެޗްޑީސީން ބައިވެރިވި ދެވަނަ ފަހަރެވެ.