އިބްރާހިމް ޒަކީ
އިދިކޮޅު ޕީޕީއެމްގެ ފަރާތުން އައްޑޫސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މުހައްމަދު ލަތީފްގެ 100 ދުވަހުގެ ވައުދުތައް ހާމަ ކުރައްވައިފިއެވެ.
ލަތީފް އޭނާގެ ވައުދުތައް ހާމަ ކުރެއްވީ، ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން، "މިއީ މަގޭ ރާއްޖެ" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބީ ރައީސްގެ ގޮތުގައިވެސް ހުންނެވި މުހައްމަދު ލަތީފް ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުން އެސިޓީގެ މޭޔަރުކަމަށް އޭނާ ހޮއްވަވައިފިނަމަ ގެސްޓްހައުސް ހެދުމަށް އިމާރާތްކުރަން ބޭނުންވާ ބިން 100 ދުވަސްތެރޭގައި ރައްޔިތުންނާ ހަވާލު ކުރައްވާނެ ކަމަށެވެ.
އަދި އައްޑޫސިޓީގެ ވިޔަފާރިވެެރިންނަަށް ބޭނުންވާ ބިން ފުރަތަަ 100 ދުވަހުގެ ތެރޭގައި ހަވާލު ކުރައްވާނެ ކަމަށާއި، ގެދޮރު އިމާރާތް ކުރުމަށްޓަކައި ރައްޔިތުން ބޭނުންވާބިންވެސް އައްޑޫސިޓީގެ ހުރިހާ ރަށަކުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހަވާލު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ، އައްޑޫސިޓީ ވަނީ ވަރަަށް ބޮޑަށް ވީރާނާވެފައި ކަމަށެވެ.
އަދި އިގުތިސާދީގޮތުން ފުދުންތެރި ސިޓިއަކަށް އައްޑޫސިޓީ ހަދަންޖެހޭ ކަމަށާއި، މޭޔަރުކަމަށް ރައްޔިތުން ހޮވައިފިނަމަ ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ އައްޑޫސިޓީގައި އުފައްދަވައި އައްޑޫސިޓީ ފުދުންތެރި ތަނަކަށް ހައްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ، މޭޔަރަކަށް ހޮވިއްޖެނަމަ އައްޑޫސިޓީއަކީ އެއްބައިވަންތަ އެކުވެރި ރައްޔިތުންތަކެއް އުޅޭ ސިޓީއަކަށް ހައްދަވާނެ ކަމަށެވެ.