ޚަބަރު

ޒީރޯ ޕްލާސްޓިކް ރަން ގައި 329 ކިލޯގެ ޕްލާސްޓިކާއި ކުނިބުނި އެއްކުރެވުނު - އައިސީއެސް

އަހުމަދު އައުފް އަބްދުލް ސަމަދު

ހުޅުމާލޭގައި މިއަދު ބޭއްވި ޒީރޯ ޕްލާސްޓިކް ރަން ގައި 329 ކިލޯ ގެ ޕްލާސްޓިކާއި އެކި ބާވަތްތަކުގެ ކުނިބުނި އެއްތަނަކަށް ޖަމާކުރެވުނު ކަމަށް އެ ހަރަކާތް އިންތިޒާމްކުރި އިންސައިޓް ކޮންސަލްޓެންސީ ސަރވިސަސް (އައިސީއެސް) އިން ބުނެފިއެވެ.

ވަންއޮންލައިން އަށް މައުލޫމާތު ދެމުން އައިސީއެސް އިން ބުނީ މިއަދުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ވަކި ސަރަހައްދެއް ކަނޑައަޅައިގެން އެ ސަރަހައްދުން ފެންނަ ޕްލާސްޓިކާއި ކުނި އެއް ތަނަކަށް ޖަމާކުރުމަށް ކަމަށެވެ.

ހުޅުމާލޭގެ އަތިރިމަތިން ވަކި ސަރަހައްދެއް ކަނޑައަޅައިގެން މިއަދު ބޭއްވި ދުވުމުގައި 117 ކިލޯގެ ޕްލާސްޓިކް އެއްކުރެވުނު ކަމަށް އައިސީއެސް އިން ބުނެއެވެ. އަދި އެކި ބާވަތުގެ ކުނި ހިމެނޭހެން 212 ކިލޯގެ ކުނި އެ ސަރަހައްދުން ވަނީ ޖަމާކުރެވިފައެވެ.

މިއަދުގެ ދުވުމުގައި އެއްކުރެވުނު ޕްލާސްޓިކް ރީސައިކަލް ކުރުމަށްޓަކައި އެ މަސައްކަތް ބަޔަކާއި ހަވާލުކުރާނެ ކަމަށް އައިސީއެސް ބުނެއެވެ. ނަމަވެސް މިދިޔަ އަހަރަށް ވުރެ މިއަހަރު ސާފު ކުރެވުނު ސަރަހައްދު ކުޑަވުމުން އެއްތަނަކަށް ޖަމާކުރެވުނު ޕްލާސްޓިކްގެ އަދަދުވެސް މަދުކަން އައިސީއެސް އިން ފާހަގަކުރެއެވެ.

މިއަދު ހެނދުނު ބޭއްވި މި ދުވުމުގައި 1150 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މިދުވުމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޒީރޯ ޕްލާސްޓިކް ރަން ފެށިގެން އައީ ސީއެސްއާރު ޕްރޮގްރާމެއްގެ ގޮތަށް 2017 ވަނަ އަހަރު ސިލްސިލާކޮށް ބާއްވަން ފެށި "ދަ ކްލީނިން ކްއެސްޓް" ކިޔާ އިވެންޓަކުންނެވެ. އެ ޕްރޮގްރާމުގެ ފަސް އިވެންޓު ފަސް ރަށެއްގައި ކުރިއަށްގެންގޮސްފައިވާ އިރު، މިިދިޔަ އަހަރު ބޭއްވި ޒީރޯ ޕްލާސްޓިކް ރަން އާއެކު މިފަދަ އިވެންޓުތަކުން 1.3 ޓަނުގެ ޕްލާސްޓިކް ރިސައިކަލް ކުރަން ހަވާލުކޮށްފައިވާ ކަމަށް އައިސީއެސް މޯލްޑިވްސް އިން މީގެ ކުރިން މައުލޫމާތުދީފައިވެއެވެ.

މިއަހަރުގެ ޒީރޯ ޕްލާސްޓިކް ރަން އަކީ ރާއްޖޭގައި މި ދުވުން ބޭއްވި ދެވަނަ ފަހަރެވެ. މިއަހަރުގެ ދުވުމުގެ ކޯ ސްޕޮންސަރަކީ އައިލެންޑް އެޕްރަލްސްއެވެ. އެސޯސިއޭޓް ސްޕޮންސަރުންނަކީ ސްޓެލްކޯ، ސީކްރެޓް ޕެރެޑައިސް، ޕްރިމިއާ މޯލްޑިވްސް، ރޭޑިއަންޓް ހީޓް އަދި އެލިއާއެވެ. އެޗްޑީސީން ދުވުން ހޯސްޓް ކޮށްފައިވާ އިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. އަދި މީޑިއާ ޕާޓްނަރަކީ ޔެސް ޓީވީއެވެ.