ޚަބަރު

ކުޑަހުވަދޫއަށް ނަގޫރޯޅިއެއް އަރައި ގެއެއްގެ ފުރާޅު އެއްލާލައިފި

އަހުމަދު އައުފް އަބްދުލް ސަމަދު

ދ. ކުޑަހުވަދޫއަށް ނަގޫރޯޅިއެއް އަރައި ގެއެއްގެ ފުރާޅު އެއްލާލުމުގެ ސަބަބުން ގެއްލުންތަކެއް ވެއްޖެއެވެ.

ވަންއޮންލައިން އަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާން ވިދާޅުވީ އެ ރަށަށް ނަގޫ ރޯޅި އަރާފައި ވަނީ މިއަދު ހަވީރު 4:35 އެހާކަންހާއިރު ކަމަށެވެ.

މި ނަގޫރޯޅި އެރުމުގެ ސަބަބުން އެ ރަށު "މަނަސް" ގޭގެ ފުރާޅު ވަނީ އެއްލާލައިފައެވެ.

އެ ގެއަކީ މީހުން ދިރިއުޅޭ ގެއެއް ކަމަށާއި އެ ގޭގެ ފުރާޅުން 10 ވަރަކަށް ގަނޑު ޓިނު، ނަގޫރޯޅީގައި އެއްލާލާފައިވާ ކަމަށް ޝާން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވެއެވެ.

ކުޑަހުވަދޫ ރަށު ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން، އެ ގޭގެ ފުރާޅު އަލުން ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ޝާން ވިދާޅުވިއެވެ.