އައިސީއެސް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ޒީރޯ ޕްލާސްޓިކް ރަން ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފި އެވެ.
މި ދުވުން މިއަދު ކުރިއަށްގޮސްފައިވަނީ ހުޅުމާލޭގައެވެ.
އައިސީއެސް އިން "ވަން އޮންލައިން" އަށް މައުލޫމާތު ދިން ގޮތުގައި މިއަދު ހެންދުނު ބޭއްވި މި ދުވުމުގައި 1150 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މިއަހަރުގެ ރަންގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އައިސީއެސް އިން މައުލޫމަތުދެއެވެ.
މީގެ ކުރިން މި ރަން ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖައްސާފައިވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. ނަމަވެސް މިއަދުގެ ރަންގައި މިނިސްޓަރަށް ބައިވެރިވެ ވަޑައިނުގެންނެވުނު ކަމަށް އައިސީއެސް އިން މައުލޫމާތު ދިނެވެ.
މިދިޔަ އަހަރުގެ ޒީރޯ ޕްލާސްޓިކް ރަންއެކޭ އެއްފަދައިން މިއަހަރުގެ ދުވުމުގެ ހަރަކާތުގައިވެސް ޕްލާސްޓިކް ނަގާ ވަކި ސަރަހައްދެއް ސާފު ކުރުމުގެ މަސައްކަތް ކުރި ކަމަށް އައިސީއެސް އިން މައުލޫމާތު ދިނެވެ. ނަމަވެސް މިދިޔަ އަހަރަށް ވުރެ މިއަހަރު ސާފު ކުރެވުނު އޭރިއާ ކުޑަވުމުން ކަލެކްޓު ކުރެވުނު ޕްލާސްޓިކްގެ އަދަދު މަދުވާނެ ކަމަށް އައިސީއެސް އިން މައުލޫމާތުދިނެވެ.
އައިސީއެސް އިން މިދިޔަ އަހަރު ޕްލާސްޓިކް ދުވުން ކުރިއަށް ކުރިއަށް ގެންޔައީ ދުވާ ރޫޓުން ޕްލާސްޓިކް ނަގާގޮތަށް ށެވެ. ނަމަވެސް މި ފަހަރުފެ ދުވުމުގައި، މަގުމަތީގައި އުޅޭ އެހެން މީހުންގެ ސަލާމަތީ ކަންކަމަށް ބެލުމަށް ފަހު ފުލުހުންގެ އިރުޝާދުގެ މަތިން މިއަހަރު ސާފު ކޮށްފައި ވަނީ އަތިރިމަތިން ވަކި ސަރަހައްދެއް ކަމަށް އައިސީއެސް އިން މައުލޫމާތުދެއެވެ. އަދި މިހާރު މި ރަން އިން ނެގުނު ޕްލާސްޓިކްތައް ކިރުމަށް ޕާލޭއަށް ގެންގޮސްފައިވާ ކަމަށް އައިސީއެސް އިން މައުލޫމާތުދިނެވެ.
ޒީރޯ ޕްލާސްޓިކް ރަން ފެށިގެން އައީ ސީއެސްއާރު ޕްރޮގްރާމެއްގެ ގޮތަށް 2017 ވަނަ އަހަރު ސިލްސިލާކޮށް ބާއްވަން ފެށި "ދަ ކްލީނިން ކްއެސްޓް" ކިޔާ އިވެންޓަކުންނެވެ. އެ ޕްރޮގްރާމުގެ ފަސް އިވެންޓު ފަސް ރަށެއްގައި ކުރިއަށްގެންގޮސްފައިވާ އިރު، މިިދިޔަ އަހަރު ބޭއްވި ޒީރޯ ޕްލާސްޓިކް ރަން އާއެކު މިފަދަ އިވެންޓުތަކުން 1.3 ޓަނުގެ ޕްލާސްޓިކް ރިސައިކަލް ކުރަން ހަވާލުކޮށްފައިވާ ކަމަށް އައިސީއެސް މޯލްޑިވްސް އިން މީގެ ކުރިން މައުލޫމާތުދީފައިވެއެވެ.
މިއަހަރުގެ ޒީރޯ ޕްލާސްޓިކް ރަން އަކީ ރާއްޖޭގައި މި ދުވުން ބޭއްވި ދެވަނަ ފަހަރެވެ. މިއަހަރުގެ ދުވުމުގެ ކޯ ސްޕޮންސަރަކީ އައިލެންޑް އެޕްރަލްސްއެވެ. އެސޯސިއޭޓް ސްޕޮންސަރުންނަކީ ސްޓެލްކޯ، ސީކްރެޓް ޕެރެޑައިސް، ޕްރިމިއާ މޯލްޑިވްސް، ރޭޑިއަންޓް ހީޓް އަދި އެލިއާއެވެ. އެޗްޑީސީން ދުވުން ހޯސްޓް ކޮށްފައިވާ އިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. އަދި މީޑިއާ ޕާޓްނަރަކީ ޔެސް ޓީވީއެވެ.