ޚަބަރު

ޖޫރިމަނާ ކުރުމުން ސްޓެލްކޯގެ ރައްދު އީޕީއޭއަށް: މިނިސްޓްރީން ކުރަން ޖެހޭ ކަމެއްގެ ޒިންމާ ނަގާކަށް ނުޖެހޭނެ

މަރިޔަމް ޝަހުދާ

އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ސްޓެލްކޯ ޖޫރިމަނާކުރުމުން، މިނިސްޓްރީން ކުރަން ޖެހޭ ކަމެއްގެ ޒިންމާ ސްޓެލްކޯއިން ނަގަން ނުޖެހޭނެ ކަމަށް ބުނެ އެ ކުންފުނިން އެކަމަށް ރައްދު ދީފިއެވެ.

އީޕީއޭ އިން 5000 ރުފިޔާއަށް ސްޓެލްކޯ ޖޫރިމަނާކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި ޖޫރިމަނާއަކީ ކ. ހިންމަފުއްޓާއި ކ. ތުލުސްދޫގައި ނަރުދަމާގެ ކަންކަން ހިންގުމަށް ސްޓެލްކޯއަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޮޕަރޭޓިން ލައިސެންސް ދިނުމަށްފަހު އެ ދުވަހާއި ހަމައަށް އެ ދެރަށުގައި ނަރުދަމާގެ ހިދުމަތް ދޭން ފަށާފައި ނުވާތީ ކޮށްފައިވާ ޖޫރިމަނާއެއް ކަމަށް އީޕީއޭ އިން ބުނެއެވެ.

އެކަމާ ގުޅިގެން ސްޓެލްކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެންވަޔަރަމަންޓް މިނިސްޓްރީން ކޮށްދޭން ޖެހޭ ކަންކަން ކޮށްނުދީ ލަސްވުމަކީ ސްޓެލްކޯއިން އެކަމުގެ ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ތުލުސްދޫ އަދި ހިންމަފުށީގެ ނަރުދަމާގެ މަސައްކަތާ މެދު އިއުތިރާޒެއް އޮތްނަމަ އަންގަން އޮތް މުއްދަތުގައި އެކަމުގައި ހުރި ދަތިތައް ސްޓެލްކޯއިން މިނިސްޓްރީއަށް ރަސްމީކޮށް އަންގާފައިވާނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ. ސްޓެލްކޯގެ ބަޔާނުގައި ވަނީ ތުލުސްދޫ އަދި ހިންމަފުށީގެ ނަރުދަމާގެ މަސައްކަތް ފުރިހަމަކޮށްފައި ނުވާކަން ފާހަގަކޮށްފައެވެ. އަދި އެކަމުގައި ސްޓެލްކޯއަށް ހުރި ދަތިތައް މިނިސްޓްރީއާއި ރަސްމީ ސިފައެއްގައި ހިއްސާކޮށްފައި ވާނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ސްޓެލްކޯ އިން އޮޕަރޭޓިން ލައިސަންސަށް އެދިފައި ވަނީ އެކަންކަން ފުރިހަމަކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން އެކުންފުންޏަށް ދިނުމުން ކަމަށް ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް މިނިސްޓްރީން އެކަން ނުކޮށްދީގެން ސްޓެލްކޯއިން އެކަމާ ކަންބޮޑުވުން ފާޅުކުރި ކަމަށާއި އެކަންކަން އެންމެ ފަހުން ކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ކަަމަށް ސްޓެލްކޯ އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޕްލޭނިން މިނިސްޓްރީން އެ ދެރަށުގެ ނަރުދަމާގެ ކަންކަން ނިންމައި ހަވާލުކުރިތާ ދެ ދުވަހުގެ މުއްދަތެއްގެ ތެރޭ ސްޓެލްކޯއިން ރަސްމީކޮށް އެ ޒިންމާ ނަގާފައިވާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ. އަދި އީޕީއޭ އިން ސްޓެލްކޯ ޖޫރިމަނާކޮށް ބަޔާން ނެރެފައިވަނީ އެ ދެރަށުގެ ނަރުދަމާގެ ކަންކަމާ ސްޓެލްކޯއިން ހަވާލުވި ދުވަހު ކަމަށް ވުމުން އެކަމާ ހިތާމަކުރާ ކަމަށް ވެސް ސްޓެލްކޯގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ އިހުމާލު އޮތް މައްސަލައެއްގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މި ޖޫރިމަނާއަކީ ރައްޔިތުންގެ މެދުގައި ސްޓެލްކޯއާ މެދު އޮތް ތަސައްވަރު ކިލަނބުވާ ފަދަ ގޮތަކަށް، މިނިސްޓްރީގެ ދަށުން ހިންގާ އީޕީއޭއިން ބަލަން ޖެހޭ ކަންކަން ރަނގަޅަށް ނުބަލައި ކޮށްފައިވާ ޖޫރިމަނާއެއް ކަމަށް ވެސ ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ވަނީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކާ ގުޅޭ ކަންކަމުގައި އެ ކުންފުނިން ފަހަތަށް ނުޖެހޭނެ ކަމަށް ބުނެފައެވެ.