އަލީ ޔާމިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުލުހަށް ހާޒިރުކުރީ، ރިޝްވަތު ނެގި މައްސަލައަކާއި އެތައް މިލިއަން ޑޮލަރެއް ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށްޓަކައި ރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭ ގޮތަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެ ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ލިބުނު 77،504،912 ޑޮލަރަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީން އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1،900،000 ރުފިޔާ ދޫކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަގުގީގަށް ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް މީގެ ކުރިންވެސް އެމަނިކުފާނު ހާޒިރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި އެމްްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަގައި، އެ ފައިސާ އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން ލޯންޑާ ކޮށްފައިވާ މައްސަލައިގައި ސުވާލުކުރުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކޮށްފައިވާ މައްސަލަތަކުގެ ތަފްސީލު ފުލުހުން އާންމުކޮށްފައިމިވަނީ ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރި މައްސަލައާ ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފޯރުކޮށްދީފައިވާތީ ކަމަށް ބުނެއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ އެމަނިކުފާނުގެ މައްޗަށް ތަހުގީގުކުރެވި ޝަރީއަތް ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.