ޚަބަރު

ޔާމީން ފުލުހަށް ހާޒިރުކުރީ އެމަނިކުފާނަށް އަނިޔާވެރިވެ، އެމްޑީޕީ މީހުން ހިތްހަމަޖައްސަން: އާދަމް ޝަރީފް

އަލީ ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ އެމަނިކުފާނަށް އަނިޔާވެރިވުމުގެ ގޮތުންނާއި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ މެންބަރުން ހިތްހަމަޖެއްސުމަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލުމަށް ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ އެމްޑީޕީގެ ތެރޭގައި ހަލަބޮލިވުން އުފެެދިފައިވާތީ އެޕާޓީގެ މީހުން ހިތްހަމަޖައްސައިދިނުމަށް ކަމަށެވެ.

"އަނެއްކާވެސް ހަމަ އަނިޔާކުރުމުގެ ނިޔަތުގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފި. ރައީސް ޔާމީންގެ ވަކީލުން ވިދާޅުވަނީ އެއްވެސް އަސާސެއް ނެތް، މިހާރުވެސް އެ ތަންފީޒު ކުރާ މައްސަލައާ ގުޅިގެން ކަމަށް ރައީސް ޔާމީން އެ ހާޒިރު ކުރީ. އަޅުގަނޑު ދަންނަވާނީ އެމްޑީޕީ ތެރޭގައި ހަލަބޮލިވުން އުފެދިފައިވާތީ، އެމްޑީޕީ މީހުން ކަންބޮޑުވެގެން އުޅޭތީ، ސަރުކާރު ނުހިނގާ ވާހަކަދައްކާތީ ހަމައެކަނި އެމްޑީޕީ މީހުން ހިތްހަމަ ޖައްސާލުމަށްޓަކައޭ ޖަލުން ނެރެގެން ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، މިއަދު މި ފެންނަނީ ދައުލަތުގެ ތިން ބާރު ވަރަށް ބޮޑަށް މަސްހުނިވެ، ކުޑަކަތީބެއް ބޮޑުކަތީބެއް ވަކި ނުވާ ވަރަށް ގައުމުގެ ކަންކަން ގޮސްފައިވާ މަންޒަރު ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދު ދުވަހަކަށް ވުރެ ދުވަހެއް ހީނަރުވަމުންދާކަން ފާހަގަކުރައްވައި، އާދަމް ޝަރީފް ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު މަގޫފަތް ކާން ޖެހިދާނެ ކަމަށްވެސް ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މީގެ 60 އަކަށް އަހަރު ކުރިން ރާއްޖޭގައި ބޮޑު ތަދުގެ ހަނދާން އެބަ އާކުރަން ޖެހެއޭ. މިއަދު އަޅުގަނޑުމެން އެބަޖެހެއޭ މަގޫފަތް ކާން ޖެހިދާނެ ކަމަށް ވިސްނަން. މިއަދު އަޅުގަނޑުމެން އެބަޖެހެއޭ އެންމެ ލާރިއެއް އަތުގައި އޮތް ކަމުގައިވިޔަސް ވެސް އޭގެން ބޭނުން ހުރިކަމެއް ކުރަން ވިސްނަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ތަފާތު ދީންތަކަށް އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް އާދަމް ޝަރީފް ތުހުމަތު ކުރެއްވިއެވެ. އެގޮތުން ރަށްތަކުގައި އިސްލާމްދީނާ ހިލާފު ވޯކްޝޮޕްތައް ބާއްވައި، ރާއްޖޭގައި ސެކިއުލިޒަމް ފަތުރަން މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ރޭ ވެސް ވަނީ ރައީސް ޔާމީން ޖަލުން މިނިވަންކުރުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތައް ޕީޕީއެމަށް ދޭން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.