ޚަބަރު

ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލައިފި

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށް ސިޓީ ކައުންސިލްގެ ބައެއް ދާއިރާތަކަށް ފިރިހެނުންނަށް ވާދަނުކުރެވޭ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ. މިމަހުގެ 13 ވަނަ ދުވަހު އޭނާ ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ގާނޫނުއަސާސީއާ ހިލާފު ބާތިލު އިސްލާހުތަކެއް ކަމުގައި ކަނޑައަޅައިދިނުމަށެވެ.

އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ރައުފާ ހައިދަރު ސޮއިކުރައްވާ ނިންމި ނިންމުމުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ގާނޫނުއަސާސީއާ ހިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ.

އެހެންނަމަވެސް ދުއްތޫރީ މައްސަލަތަކުގެ ތެރެއިން ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ބަލައިގަންނަ މައްސަލަތައް ފިޔަވައި، ގާނޫނެއްގެ ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރަޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ހައިކޯޓަށް ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނާތީ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެކަމ ގުޅިގެން މޫސާ އަންވަރު ވިދާޅުވީ، ގާނޫނެއް ބާތިލް ކުރަން ހައިކޯޓަށް ނުގޮސް ސުޕްރީމް ކޯޓަށް ހުށަހެޅުން މަނާކުރާ އުސޫލެއް ނެތް ކަމަށެވެ.

"އިންތިހާބަށް ކުރިމަތިލި ލުމުގެ މުއްދަތު ހަމަވީ ފަހުން މައްސަލަ ބަލައި ނުގަންނަން ނިންމީ އަދުލް އިންސާފު ގާއިމްކުރުމުގެ ޒިންމާއިން ރެކިގަތުމުގެ ބަހަނާއެއް ދައްކާފައި،" މޫސާ އަންވަރު ވިދާޅުވެފައިވެއެވެ.

ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ އަދި ރަށު ކައުންސިލުތަކުން އަންހެނުންނަށް ޖުމްލަ 384 ގޮނޑި ޔަގީންވާނެ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.