ޚަބަރު

ޒީރޯ ޕްލާސްޓިކް ރަން މާދަމާ ހެނދުނު، ރީސައިކަލް ކުރެވޭ ޕްލާސްޓިކް ހުރިނަމަ ގެނެސްދިނުމަށް އެދިއްޖެ

އައިދާ އަބްދުލް ހަކީމް

ޒީރޯ ޕްލާސްޓިކް ރަން މާދަމާ ހެނދުނު 7:00ގައި ފަށާއިރު ގޭގައި ރީސައިކަލް ކުރެވޭ ޕްލާސްޓިކް ހުރިނަމަ ގެނެސްދިނުމަށް ދުވުން އިންތިޒާމުކުރާ އައިސީއެސް މޯލްޑިވްސް އިން އެދިއްޖެއެވެ.

މާދަމާގެ ދުވުން ޝަރަފުވެރިކޮށްދެއްވާނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އަދި މި އިވެންޓުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

އައިސީއެސް މޯލްޑިވްސް އިން ބުނީ މި ރަންގައި 1150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށާއި މާދަމާގެ ދުވުމުގައި އެއްވެސް ވަރަކަށް ޕްލާސްޓިކް ފުޅި، ޕެކެޓް ފަދަ ތަކެތި ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ.

ޒީރޯ ޕްލާސްޓިކް ރަން ފެށިގެން އައީ ސީއެސްއާރު ޕްރޮގްރާމެއްގެ ގޮތަށް 2017 ވަނަ އަހަރު ސިލްސިލާކޮށް ބާއްވަން ފެށި "ދަ ކްލީނިން ކްއެސްޓް" ކިޔާ އިވެންޓަކުންނެވެ. އެ ޕްރޮގްރާމުގެ ފަސް އިވެންޓު ފަސް ރަށެއްގައި ކުރިއަށްގެންގޮސްފައިވާ އިރު، މިިދިޔަ އަހަރު ބޭއްވި ޒީރޯ ޕްލާސްޓިކް ރަން އާއެކު މިފަދަ އިވެންޓުތަކުން 1.3 ޓަނުގެ ޕްލާސްޓިކް ރިސައިކަލް ކުރަން ހަވާލުކޮށްފައިވާ ކަމަށް އައިސީއެސް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.

މިއަހަރުގެ ދުވުމުގެ ކޯ ސްޕޮންސަރަކީ އައިލެންޑް އެޕްރަލްސްއެވެ. އެސޯސިއޭޓް ސްޕޮންސަރުންނަކީ ސްޓެލްކޯ، ސީކްރެޓް ޕެރެޑައިސް، ޕްރިމިއާ މޯލްޑިވްސް، ރޭޑިއަންޓް ހީޓް އަދި އެލިއާއެވެ. އެޗްޑީސީން ދުވުން ހޯސްޓް ކޮށްފައިވާ އިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. އަދި މީޑިއާ ޕާޓްނަރަކީ ޔެސް ޓީވީއެވެ.

އައިސީއެސް މޯލްޑިވްސް އިން ބުނީ ގުރޫޕްތަކުގެ ގޮތުގައި ދުވުމަށް ބައެއް ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަކީ އެޗްޑީއެފްސީ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު، ބަނިއަންޓްރީ ވައްބިންފަރު، ކްރޮސްރޯޑް، އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ގިޔާސުއްދީން އިންޓަނޭޝަނަލް، މީރާ، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ހޮޓެލް ޖެން، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އަދި މޯލްޑިވްސް ބިޒްނަސް ސްކޫލެވެ.

ޒީރޯ ޕްލާސްޓިކް ދުވުމަކީ، އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށާއި ދިރޭތަކެއްޗަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރި ކުރުވުމުގެ ގޮތުން ބާއްވާ ދުވުމެކެވެ. އެންމެ ފުރަތަމަ އެ ދުވުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ފަސް ކިލޯމީޓަރުގެ އެ ދުވުމުގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

އެ ދުވުމަކީ އެއްވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުންނުކޮށް ކުރިއަށްގެންދާ ދުވުމެކެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ދުވުން ވެސް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ އެއްވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކޮށެވެ.