އިންޑިއާ ފައުންޑޭޝަނުން އިންތިޒާމުކުރާ ކޮންކުލޭވެއްގައި ބައިވެރިވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ދެ ދުވަހަށް ރައީސް ނަޝީދު ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާ ފައުންޑޭޝަނުން އިންތިޒާމު ކޮށްގެން މާދަމާ ފަށާ ހަ ވަނަ "އިންޑިއާ އައިޑިއާސް ކޮންކުލޭވް" ގެ އިނޯގުރަލް ސެޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ލިބުނު ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ގުޖުރާތުގެ ނަރްމަދާގައި މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ބާއްވާ އެ ކޮންކުލޭވްގެ އިނޯގުރަލް ސެޝަންގައި ރައީސް ނަޝީދުގެ އިތުރުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތް ސިންގް އާއި ގުޖުރާތުގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީ އަދި އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރު ސުރޭޝް ޕްރަބޫ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅަށްފަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ އާދީއްތަ ދުވަހުއެވެ.