ޚަބަރު

އާތިފް ޝަކުރޫގެ މައްޗަށް މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާކޮށްފި

އަހުމަދު އައުފް އަބްދުލް ސަމަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް މަނީ ލޯންޑަރިން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާކޮށްފިއެވެ.

އާތިފް ޝަކޫރުގެ މައްޗަށް މިއަދު ދައުވާކޮށްފައިވާކަން ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވަނީ "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ޝަފީއު ވިދާޅުވީ އެފްއައިޔޫގެ ކުރީގެ އިސްވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގައި ކަމަށެވެ.

އާތިފްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި ކުންފުނި، އެސްއޯއެފް އިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ގެންދިޔަކަން އެނގުމުން އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައިވަނީ އާތިފްގެ އެންގުމަކަށް ކަމަށެވެ.

އޭސީސީން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ޕްރައިވެޓް ކުންފުންޏާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ ފަރާތުން އެފްއައިޔޫއަށް 27 ނޮވެމްބަރ 2014ގައި ފޮނުވާފައިވާ އެސްޓީއާރު އެނަލައިޒް ކުރުމަށްފަހު، އެފްއައިޔޫ އިން 31 ޑިސެމްބަރ 2014ގައި ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓުގެ ހުލާސާގެ ގޮތުގައި ހަތަރު ނުކުތާއެއް ވަނީ ފާހަގަކޮށްފައެވެ. އެ ނުކުތާތަކަކީ،

  • ތުހުމަތު ކުރެވޭ ކުންފުންޏަށް 18,200,000.00 (އަށާރަ މިލިއަން ދެލައްކަ) އެމެރިކާ ޑޮލަރު އަދި، 59,700,000.00 (ފަންސާސްނުވަ މިލިއަން ހަތްލައްކަ) ރުފިޔާ އާއެކު ޖުމްލަ 22,100,000.00 (ބާވީސް މިލިއަން އެއްލައްކަ) އެމެރިކާ ޑޮލަރު ޑިޕޮސިޓްސްގެ ގޮތުގައި ލިބިފައިވުން.
  • 24 އޯގަސްޓް 2014 އިން 25 ނޮވެންބަރު 2014 ގެ ނިޔަލަށް ތިން މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެމް.އެމް.ޕީ.އާ.ރސީއިން ތުހުމަތު ކުރެވޭ ކުންފުނީގެ އެކައުންޓަށް 5,350,000.00 (ފަސްމިލިއަން ތިންލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރާއި 59,750,000.00 (ފަންސާސްނުވަ މިލިއަން ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާއެކު ޖުމްލަ 9,100,000.00 (ނުވަ މިލިއަން އެއްލައްކަ) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވުން.
  • ޖުމްލަ 08 ޓްރާންސެކްޝަންއެއް މެދުވެރިކޮށް ތުހުމަތު ކުރެވޭ ކުންފުނިން ޖުމްލަ 47,500,000.00 (ސާޅިސްހަތް މިލިއަން ފަސްލައްކަ) ރުފިޔާ އެ ކުންފުނީގެ ބޭންކް އެކައުންޓްތަކުން ނަގާފައިވުން.
  • އިސްވެ ބަޔާންކޮށްފައިވާފަދަ ވިޔަފާރީގެ މުޢާމަލާތްތައް ހިންގޭވަރުގެ ވިޔަފާރީގެ ހަރަކާތްތައް ހިންގާކަމުގެ ގާބިއްލިއްޔަތު ނެތްކަން އެ ކުންފުނީގެ ޓެކްސް ފައިލިންގ އަދި އެނުއަލް ރިޕޯޓްތަކުން އެނގޭކަން.

ތަހުގީގަށްފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނީ، އެ ރިޕޯޓުގެ ނިންމުމުގައި ގޫނޫނު ނަންބަރު 2014/10 މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން ތުހުމަތު ކުރެވޭ ކުންފުންޏާ ގުޅިގެން ހުށަހެޅިފައިވާ އެސްޓީއާރުގެ މައުލޫމާތު ފުލުހުންނަށް ފޮނުވުމަށާއި، ތުހުމަތުކުރެވޭ ކުންފުންޏަށް ފައިސާ ލިބެމުންދާ ގޮތް ދެނެގަތުމަށާއި، އެ ކުންފުންޏަށް ލިބޭ ފައިސާ އެއްވެސް ގާނޫނާ ހިލާފު އަމަލެއް ކުރުމަށް ބޭނުންކުރޭތޯ ބެލުމަށް ފުލުހުންނަށް އެންގުމަށާއި، ބޭންކްތަކަށް ކަސްޓަމަރ ޑިއު ޑިލިޖެންސް “CDD” ހެދުމަށް އެންގުމަށާއި ގާނޫނު ނަންބަރު 2014/10 މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ އެމްއެމްއޭގެ ފައިނޭންޝަލް ސެކްޓާ ޑިވިޝަނަށް އެންގުމަށް ފެންނަ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓުގައިވާ ކަންތައްތައް ތަހުގީގުކުރަން ފުލުހުންނަށް ފޮނުވުމަށް ނިންމާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ ރިޕޯޓް 06 އެޕްރީލް 2015ގައި ފައިނަލް ކުރުމުގައި އެ ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވާ ކަމަށެވެ. މި ނިންމުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެދިޔަ އިރު، އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ލިބިފައިވާކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް އޭސީސީން ބުނެއެވެ.

މީގެއިތުރުން އެފްއައިޔޫގެ އެނަލިސިސް ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމާފައިވަނީ އެފްއައިޔޫގެ އޭރުގެ ވެރިޔާ އާތިފް ޝަކޫރުކަން އޭނާގެ އިއުތިރާފުންނާއި، މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެކިތަކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަން ތަހުގީގަށް ފާހަގަވާ ކަމަށް ވެސް ބުނެފައިވެއެވެ.

އޭސީސީން އިތުރަށް ބުނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެފްއައިޔޫ އިން ނިންމާ ނިންމުންތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން އެ ޔުނިޓަށް ދީފައިވާތީއާއި އެފްއައިޔޫގެ އެސްއޯޕީގައި އެ ޔުނިޓުން ހަދާ އެނަލިސިސް ރިޕޯޓްތަކާ ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ބާރު ދީފައިވާ ހަމައެކަނި ފަރާތަކީ ހެޑް އޮފް އެފްއައިޔޫ ކަމަށް ވާތީ އެ ޔުނިޓުން ނިންމާ ނިންމުންތަކަށް ފުރިހަމައަށް ޒިންމާވާން ޖެހޭނީ އެ ޔުނިޓުގެ ވެރިޔާކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން އެ ރިޕޯޓް އެނަލައިޒް ކުރަމުންދިޔައިރުވެސް، އެސްއޯއެފް ކުންފުނީގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކަކީ މަނީ ލޯންޑަރިންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެފްއައިޔޫގެ ވެރިޔާއަށް އެނގޭ ކަމަށާއި އެ ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމައި ފައިލްކުރިއިރުވެސް، އެއީ ތަހުގީގު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއްކަން އެނގޭ ކަމަށް އެފްއައިޔޫގެ ވެރިޔާ އިއުތިރާފު ވެފައިވާތީ، އޭނާގެ އެ އަމަލަކީ ހެޔޮ ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫންކަން ތަހުގީގު ފާހަގަކުރެވެއެވެ. އަދި އެ ނިންމުން ނިންމާފައިވަނީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަން ސާބިތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.

އެންޓި ކޮރަޕްޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މި މައްސަލައަކީި ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއް ކަމަށް ކަނޑައަޅައި އާތިފް ޝަކޫރުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިދޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.