ވަކި ގޮތެއް ނުނިމި ހަތް އަހަރު ހޭދަވުމަށްފަހު، ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ވ. ބޮޑުމޮހޮރާ ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން މިއަދު ސޮއިކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި އެއްބަސްވުމުގައި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ސޯލިހެވެ. ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖާބިރެވެ.
ވ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ބޮޑުމޮހޮރާ ޖާބިރުގެ ބޮޑު ހިއްސާއެއް އޮންނަ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއަށް ހަވާލުކުރީ 50 އަހަރަށް، 36 މަސް (ތިން އަހަރު)ގެ ތެރޭގައި ރިސޯޓް ހަދާ ގޮތަށެވެ.
ނަމަވެސް ޖާބިރު ވިދާޅުވީ، "ޖާބިރު ހެޕީ ކުލަބް"ގެ ނަމުގައި އިންޓަގުރޭޓެޑް ރިސޯޓެއްގެ ކޮންސެޕްޓަށް އެރަށުގައި ހަދާނީ ބިލިއަން ޑޮލަރުގެ ރިސޯޓެއް ކަމަށެވެ. އަދި ތިން ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރާ ރިސޯޓުގެ ފުރަތަމަ ފިޔަވަހި ކުރިއަށް އޮތް ހަ މަސް ދުވަސް ތެރޭގައި ނިންމައި ހުޅުވާނެ ކަމަށް ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވި ގޮތުގައި، އެ ރިސޯޓް ތަރައްގީ ކުރާނީ ބޮޑުމޮހޮރާ ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުން އުފައްދާ ކުންފުންޏަކުންނެވެ.
އެ ކުންފުނީގައި ސަރުކާރުގެ 10 ޕަސެންޓާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސްގެ 90 ޕަސެންޓް ހިއްސާ އޮންނާނެ ކަމަށާއި އެ ރިސޯޓް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބެއް ގެނުވާނެ ރިސޯޓަކަށް ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުން 2009 ވަނަ އަހަރު އެންމެ ފުރަތަމަ ބޮޑުމޮހޮރާ ދޭން ނިންމީ މެރިން ކަލްޗާއަށް އިންވެސްޓް ކުރަންށެވެ. ނަމަވެސް އެ ސިޔާސަތު ބަދަލުވެ 2011 ވަނަ އަހަރު އެތަނުގައި ރިސޯޓް ހަދަން ހުޅުވާލައި، ސީއެސްއާރު މަޝްރޫއެއް ހިންގާ ގޮތަށް މެރިން ޓެކްލޮޖީޒްއަށް ދޫކުރަން ނިންމިއެވެ.
ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމި، ދެން އައި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ސީއެސްއާރު މަޝްރޫއުތައް ހިންގުމަށް ދޫކުރި ރަށްތަކުގެ އެގްރިމަންޓުތަކަށް އަމަލު ނުކުރާން ނިންމުމުން، ބޮޑުމޮހޮރޯގެ އެގްރިމެންޓަށް އަމަލުކުރުން ވެސް ހުއްޓުނެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމްކުރީ މެރިން ޓެކްނޮލޮޖީޒްއާ ބޮޑުމޮހޮރާ ހަވާލުކުރާށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ހުކުމަށް އަމަލުނުކޮށް، 2014ގައި މެރިން ޓެކްނޮލޮޖީޒްއަށް އެރަށް ދޭން އެކުންފުންޏާއެކު އެއްބަސްވުމެއް ހަދަން ފިނޭންސް މިނިސްޓްރީން މަސައްކަތްކުރިއެވެ.
ނަމަވެސް އެކަމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުރަން އުޅޭ ކަމެއް ކަމަށް ބުނެ އޭސީސީއަށް އެ މައްސަލަ ހުށަހެޅުމުން އެ ކޮމިޝަނުން އެކަން ހުއްޓުވިއެވެ. އަދި ފަހުން، މެރިން ޓެކްނޮލޮޖީއަށް އެ ރަށް ދޭން ޖެހޭ ފަދަ އެއްބަސްވުމެއް ސަރުކާރާއެކު ވެފައި ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމިއެވެ.
އެ ގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނިކޮށް ސިވިލް ކޯޓުން ފަހުން ވަނީ ބޮޑުމޮހޮރާ، މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާ ހަވާލުކުރުމަށް އެ އެގްރީމެންޓުގައި ސޮއިކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް ލާޒިމުކޮށް ހުކުމެއް ކޮށްފައެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ވަގުތުން އަމުރެއް ނެރެ، އެއީ ސުޕްރީމް ކޯޓުގެ ހުކުމާއި ކަމާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކާ ވެސް ހިލާފަށް ކުރި ހުކުމެއް ކަމަށް ބުނެ ސިވިލް ކޯޓުގެ އެ ހުކުމް ބާތިލުކުރިއެވެ. އަދި އެ ހުކުމްކުރި ސިވިލް ކޯޓުގެ އޭރުގެ ގާޒީ މަރިޔަމް ވަހީދު މަގާމުގެ ޒިންމާތަކުން ދުރުކުރިއެވެ.