ޚަބަރު

އެމްޓީސީސީން ދިވެހިންނަށް ހާއްސަކޮށްގެން 200 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު އައުފް އަބްދުލް ސަމަދު

ދިވެހިންނަށް ހާއްސަކޮށްގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން 200 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ތަޖުރިބާ ހުރި މުވައްޒަފުންނާއި ތަޖުރިބާއެއް ލިބިފައި ނެތް އާ މުވައްޒަފުންވެސް އެ ކުންފުންޏަށް ބޭނުންވާ ކަމަށެވެ. ކުރިއަށްއޮތް ހަ މަަސް ދުވަހުގެ ތެރޭ އެކުންފުނިން 350 ވަޒީފާގެ ފުުރުސަތު ހުޅުވާލާނެ ކަމަށާއި މިފަހަރު ފުރުސަތު ހުޅުވާލަނީ އޭގެ ތެރެއިން 200 ވަޒީފާއަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއަށް ބޭނުންވާ ވަޒީފާތަކުގެ ތެރޭގައި ކައްކާއިންނާއި، ކައްކާއިންގެ އެހީތެރިންނާއި، ލޭބަރުންނާއި، ވެލްޑަރުންނާއި، ސުޕަވައިޒަރުންނާއި، އެސްކެވޭޓާ ޑްރައިވަރުންނާއި، އެހެނިހެން ވެހިކަލްތައް ދުއްވާ ޑްރައިވަރުން ހިމެނެއެވެ. މި ވަޒީފާތަކަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން ތަމްރީނު ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީން ތަމްރީން ދޭނެއެވެ.

މި ވަޒީފާތައް ބޮޑަށް އަމާޒުކުރަނީ އެ ކުންފުނީގެ މަޝްރޫއުތައް ކުރިއަށްގެންދާ ރަށްރަށަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން އަންނަ މަހު ދިހަ ރަށެއްގައި މަޝްރޫއުތައް ފެށޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެރަށްރަށަކީ އއ. ރަސްދޫ، ހދ. ނެއްލައިދޫ، ގދ. ތިނަދޫ، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ކ. ގުރައިދޫ ނ. މިލަދޫ، ވ. ރަކީދޫ އަދި ލ. މާވަށެވެ. މިއިން ކޮންމެ ރަށެއްގައި ވެސް 10-13 ވަޒީފާ އުފެދިގެން ކަމަށާއި އަދި ފުވައްމުލަކުގެ މަގުތަކުގެ މަސައްކަތް ވެސް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ 50 އިންސައްތަ މުވައްޒަފުންނަކީ ބިދޭސީންކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މި ވަޒީފާތަކަށް ދިވެހިން ކުރިމަތިލުމަކީ ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމެއް ކަމަށެވެ. އަދި މަޝްރޫއުތަކުގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށް އެ މަޝްރޫއު ނިމުމުން ވެސް އެހެން މަޝްރޫއެއްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން މިވަގުތު 37 މަޝްރޫއެއްގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެއެވެ. މީގެ އިތުރުން 49 މަޝްރޫއެއްގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ އިރު، އަންނަ މަހު 10 ނުވަތަ 11 މަޝްރޫއެއް ފެށިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރަށު ކައުންސިލްތައް މެދުވެރިކޮށް ރަށްރަށުގައި މި ވަޒީފާތަކަށް އިއުލާނު ކުރުމަށް އެމްޓީސީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި އެ ކުންފުނިން ގާއިމުކޮށްފައިވާ ހޮޓްލައިން ނަންބަރު ކަމަށްވާ 3001141 އަށް ރަސްމީ ގަޑީގައި ގުޅުމުން ވެސް މި ވަޒީފާތަކުގެ މައުލޫމާތު ލިބޭނެ ކަމަށް އެމްޓީސީީން ބުނެއެވެ.