ދުނިޔޭގައި އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން ޖަޕާނުގެ ސްކޫލްތައް ބަންދުކުރަން އެގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ނިންމަވައިފިއެވެ.
އަބޭ ވިދާޅުވީ، އެހެން ހުރިހާ ކަމަށްވުރެ ބޮޑަށް ކުދިންގެ ސިއްހަތާއި ރައްކާތެރިކަމަށް އެސަރުކާރުން އިސްކަންދޭނެ ކަމަށެވެ. އެގޮތުން ޖަޕާނުގައި ހުރި ހުރިހާ ޕްރައިމަރީ، ޖޫނިއާ ހައި އަދި ހައި ސްކޫލުތައް މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހަށް ބަންދުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ޖަޕާނުގެ 200 އަށްވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވާއިރު އެބަލީގައި ހަތަަރު މީހަކު ވަނީ މަރުވެފައެވެ.
އޭގެ ތެރެއިން ޖަޕާނުގެ ދެކުނުގައި އޮންނަ ހޮކައިޑޯ ގައި ކޮރޯނާވައިރަސްގެ 13 ކޭސް ފެނިފައިވާއިރު އެބަލީގައި 10 އަހަރުން ދަށުގެ ދެ ކުއްޖަކު ވަނީ މަރުވެފައެވެ. އެކަމާއި ގުޅިގެން އެ އަވަށުގެ 1600 އަށްވުރެ ގިނަ ސްކޫލު ވަނީ ބަންދުކޮށްފައެވެ. އޭގެ އިތުރުން އޮސާކާ އަވަށުގެ ހުރިހާ ސްކޫލެއް ވެސް ދެ ހަފްތާގެ މުއްދަތަށް މިހާރު ވަނީ ބަންދުކޮށްފައެވެ.
އާބާދީގައި 2.6 މިލިއަން މީހުން ދިރިއުޅޭ އޮސާކާއިން ކޮރޯނާވައިރަސްގެ ކޭހެއް ފުރަތަމަ ރިޕޯޓު ކުރެވުނީ 40 އަހަރުގެ އަންހެނެއްގެ ގައިންނެވެ. އޭނާއަށް އެ ބަލި ޖެހުނީ ޖެނުއަރީ މަހު ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާނުން އޮސާކާއަށް ދިޔަ ބަޔަކު ގޮވައިގެން ޓުއާ ބަހެއްގައި ދަތުރުކުރަނިކޮށް ކަމަށް ވަނީ ބެލެވިފައެވެ.
ނަމަވެސް ފުރަތަމަ ބައްޔަށް ޓެސްޓުތައް ހެދުމުން ނަތީޖާ ނެގެޓިވް ކަމަށް ދެއްކުމުން އޭނާ ދޫކޮށްލިއެވެ. އަދި ރޯގާ ރަނގަޅުނުވެ އިތުރަށް ހާލު ދެރަވުމުން ދެވަނަ ފަހަރަށް ހޮސްޕިޓަލަށް ގެންދިއުމުން ކޮރޯނާވައިރަހަށް ވަނީ ޕޮޒިޓިވްވެފައެވެ.
ޖަޕާނުގެ ޔޮކޮހާމާ ކައިރީ ބަނދަރުކޮށްފައި އޮތްވާ ކަރަންޓީނު ކުރި ކްރޫޒްލައިނާއެއް ކަމަށްވާ "ޑައިމަންޑް ޕްރިންސެސް ކްރޫސްޝިޕް" އިން ވެސް ކޮރޯނާ ވައިރަސް ޖެހިގެން ހަތަރު މީހަކު މިހާތަނަށް ވަނީ މަރުވެފައިވެއެވެ. އެ ކްރޫޒްލައިނާއިން 700 އަށްވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޓެސްޓުކޮށްފައިވާ 10 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.