މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅޭ ޖިނާއީ މައްސަލަތަކުގެ ތަހުގީގުތައް ފަސޭހައިން ބެލޭނެ އިންތިޒާމް މިހާރު ހަމަޖައްސަވާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަހަރަކު 17،000 މައްސަލަ ފުލުހުންނަށް ހުށަހެޅޭއިރު، މައްސަލަތައް ކުރިއަށްދާ މިންވަރު އެ މައްސަލައާ ގުޅުންހުރި ފަރާތްތަކަށް އެނގޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަންޖެހޭ ކަމަށެވެ.
އެގޮތުން މީގެ ކުރިން ވެސް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައެއް ހުށަހެޅުނު ކަމާއި އެ މައްސަލަ ކޭސްކުރާ ހިސާބުން، ކޭސް ނަމްބަރާއެކު މައްސަލަ ތަހުގީގު ކުރުމަށް ކަނޑައެޅޭ އިންވެސްޓިގޭޝަން އޮފިސަރުގެ މައުލޫމާތު މައްސަލަ ހުށައަޅާ ފަރާތާއި ހިއްސާކުރެވޭ ކަމަށާއި އަދި މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓް ކުރަން ފޮނުވުމުން ނުވަތަ ދައުވާކުރެވޭ ވަރަށް ހެކި ނުލިބުމުގެ ސަބަބުން ފައިލް ކުރުމުން އެ މައުލޫމާތު ވެސް އޮޓަމޭޓެޑް ސިސްޓަމެއްގެ ތެރެއިން އެސްއެމްއެސް މެދުވެރިކޮށް ހިއްސާކުރާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ނަމަވެސް މިއަދު ގެނެވުނު ބަދަލާއެކު އެ މައުލޫމާތުތަކުގެ އިތުރުން މައްސަލައިގެ ތަހުގީގުގައި އިންވެސްޓިގޭޝަން އޮފިސަރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް މައްސަލައާ ގުޅުން ހުރި ފަރާތްތަކަށް ފަސޭހައިން ލިބިގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ހިދުމަތަކީ ޕޮލިހުންގެ ސްޓްރެޓީޖިކް ޕްލޭން 2019-2024 ގައި ހިމަނާފައިވާ އޯގަނައިޒޭޝަނަލް ރިފޯމް އެންޑް ޓްރާންސްފޮމޭޝަން ލަނޑުދަނޑި ހާސިލްކުރަން ކަނޑައަޅާފައިވާ މަގުސަދު ހާސިލް ކުރުމަށްޓަކައި ގެނެވުނު މުހިއްމު ބަދަލެއް ކަމަށެވެ.