ޚަބަރު

ދިއްދޫ އާއި އޭދަފުށި އަދި ކުޑަހުވަދޫގައި ހަދާ ހޮސްޕިޓަލް ހުންނާނެ ގޮތުގެ ކުރެހުންތައް ދައްކާލައިފި

އިބްރާހިމް ޒަކީ

ހއ. ދިއްދު އާއި ބ. އޭދަފުށި އަދި ދ. ކުޑަހުވަދޫގައި އަޅަން ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ އާ އިމާރާތް ހުންނާނެ ގޮތުގެ ކުރެހުންތަކެއް ދައްކާލައިފިއެވެ.

މި ކުރެހުންތައް ދައްކާލާފައިވަނީ އެކަމަށްޓަކައި ހެލްތު މިނިސްޓްރީން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވީ، މިތަނުން ކޮންމެ ހޮސްޕިޓަލެއްގައި 55 އެނދާއި ޕްރައިވެޓް ހަ ކޮޓަރި އާއި ތިން އެނދުގެ އައިސީޔޫއެއްގެ އިތުރުން އެންއައިސީޔޫ އާއި 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމް ހިމެނޭނެ ކަމަށެވެ. އަދި އެކްސްރޭ ރޫމަކާއި ޕިޒިއޮތެރަޕީ ރޫމަކާއި އިމެޖެންސީ ރޫމަކާއި ދެ އޮޕަރޭޝަން ތިއޭޓަރު ހިމެނޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގައި އިމާރާތްކުރާ ހެލްތު ފެސިލިޓީތައް ފަރުމާކުރާނީ ހޮސްޕިޓަލަކަށްވުރެ މާފުޅާ ވިސްނުމަކާއެކު ކަމަށެވެ. އެގޮތުން އެތަންތަން ފަރުމާ ކުރަނީ ތަމްރީން ދިނުމުގެ ކަންތައްތަކާއި ދިރާސާ ކުރުމުގެ ކަންކަމުގެ އިތުރުން ސިއްހީ ދާއިރާއިން ރާއްޖޭގައި ތައުލީމް ހާސިލްކުރާ ފަރާތްތަކަށް އެކިއެކި ފުރުސަތު ލިބިދޭ މަރުކަޒުތަކެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، މި ތިން ރަށުގައި ހަދާ ހޮސްޕިޓަލްގެ މަސައްކަތް ވެސް ވެގެންދާނީ މުޅި ރާއްޖޭގެ ސިއްހީ ނިޒާމަށް އާދަޔާ ހިލާފު ބަދަލުތަކެއްް ގެނުވާނެ މަަސައްކަތްތަކަކަށް ކަމަށެވެ. އަދި އެފަދަ ގޮތަކަށް ހޮސްޕިޓަލްތައް ހަދަން ޖެހުމުގެ ފަހަތުގައި އޮތް ނިޔަތަކީ ސިއްހީ ހިދުމަތްތަކަށް އާ ވިސްނުމެއް ގެނައުން ކަމަށް ވިދާޅުވިއެވެ.

މިއަދު ކުރެހުން ދައްކާލި ތިން ހޮސްޕިޓަލްގެ ތެރެއިން ކުޑަހުވަދޫ ހޮސްޕިޓަލް ހަދާނީ އެރަށުގައި އަލަށް ހިއްކި ބިމުގައެވެ. އަދި ދިއްދޫ ހޮސްޕިޓަލް ހަދަން ހަމަޖެހިފައިވަނީ އެރަށުގައި އަލަށް ހިއްކައި މީހުން އާބާދުކުރާ ސަރަހައްދުގައެވެ. އޭދަފުށީ ހޮސްޕިޓަލްގެ އާ އިމާރާތް ހަދާނީ މިހާރުގެ ހޮސްޕިޓަލް ވެސް ހުރި ބިމުގައެވެ.